އިންޑިއާ ސަރުކާރުގެ ކުރިއަށް އޮތް މާލީ އަހަރު ބޭރުގެ ގައުމުތަކަށް ދޭ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ދޭން ހުށަހެޅި ފައިސާގެ އަދަދު ކުޑަކޮށްފި އެވެ.
އިންޑިއާގެ 2025-2024 އަށް އެކުލަވައިލި ބަޖެޓު ފާސްކުރީ އިއްޔެ އެވެ. އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލު މަހުން ފަށައިގެން ޖެހިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށެވެ.
ކުރިއަށް އޮތް އަހަރަށް ފާސްކުރަން އިންޑިއާގެ ޕާލަމެންޓަށް ފެބްރުއަރީ 1، ގައި ހުށަހެޅި ބަޖެޓުގައި ރާއްޖެއަށް އެހީދޭން 72 މިލިއަން ޑޮލަރު ޖެހި އެވެ. ނަމަވެސް އެބަޖެޓް އިއްޔެ ފާސްކުރީ ރާއްޖެއަށް ދޭ އެހީ 48 މިލިއަން ޑޮލަރަށް ކުޑަކޮށްގެންނެވެ.
އިންޑިއާ ޕާލަމެންޓަށް ފުރަތަމަ ބަޖެޓް ހުށަހެޅި އިރު އޮތްގޮތުން ރާއްޖެއަކީ އިންޑިއާއިން ދެވަނައަށް އެންމެ ގިނަ ހިލޭ އެހީ ދޭނެ ގައުމެވެ. ނަމަވެސް ބަޖެޓަށް ގެނައި އިސްލާހާއެކު ރާއްޖެ ވަނީ ތިންވަނައަށް ވެއްޓިފަ އެވެ. އިންޑިއާއިން ކުރިއަށް އޮތް އަހަރު އެންމެ ގިނަ ހިލޭ އެހީ ދޭނީ ބޫޓާނަށާއި ނޭޕާލަށެވެ.
ނިމިގެން މިދާ މާލީ އަހަރު އިންޑިއާއިން އެންމެ ފުރަތަމަ ލަފާކުރި ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން އޮތީ 48.1 މިލިއަން ޑޮލަރެވެ. ނަމަވެސް އިސްލާހުތަކާއެކު އެ އަހަރަށް ހަރަދުވާނެ ކަމަށް ބެލެވޭ އަދަދު ވަނީ 92.9 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އޭގެ ކުރީގެ އަހަރު އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 22 މިލިއަން ޑޮލަރެވެ.

އިންޑިއާއިން ދޭ ހިލޭ އެހީ ކުޑަކޮށްފައިވާއިރު އެ ގައުމުން ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން އެގޮތުން ތިލަމާލެ ބުރިޖު މަޝްރޫއު އާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރަމުންދާ ފްލެޓުތަކުގެ މަޝްރޫއު ފާހަގަކޮށްލެވެ އެވެ.
މީގެތެރެއިން ތިލަމާލެ ބުރިޖުގެ މަޝްރޫއަށް ހިލޭ އެހީގެ ގޮތުގައި 100 މިލިޔަން ޑޮލަރު ދޭން އެގައުމުން އޮތީ އެއްބަސްވެފަ އެވެ. ބްރިޖަށް ހިނގާ ހަރަދުގެ ބޮޑު ބައި ހަރަދުކުރަނީ އެގައުމުން ހަމަޖެއްސި ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އަކުންނެވެ. އެހެން މަޝްރޫއުތައް ކުރިއަށް ގެންދަނީ އިންޑިއާ އެގްޒިމް ބޭންކުން ލޯނު ނަގައިގެންނެވެ.
މީގެއިތުރުން، އިންޑިއާގެ އެހީ މަދުކުރަން ނިންމާފައި މިވަނީ މި ސަރުކާރުން އެ ގައުމާއެކު ބާއްވާ ހާރިޖީ ގުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ.
އެގޮތުން ވެރިކަމުގެ ކުރީކޮޅު އިންޑިއާއެކު އޮތް ހާރިޖީ ކޯޅުންގަނޑު ރަނގަޅުވެ، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް ރަނގަޅު ކަންކަން ވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖޫން 11، ގައި ވިދާޅުވެފަ އެވެ. އެމަނިކުފާނު އެހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.
މީގެއިތުރުން ރައީސް ވަނީ މި ދަތުރުގެ ތެރެއިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު އަދި، ދަތުރަށްފަހު އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާ ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި މަޝްރޫއުތަކުގެ ސްޕީޑު އަވަސްކޮށް، އެހީތެރިކަން އިތުރު ކުރުމަށް މަޝްވަރާކުރައްވާފަ އެވެ.













