ހުޅުލޭގައި ހުންނަ މޯލްޑިވިއަންގެ ސީޕްލޭން ޓާމިނަލް ސަރަހައްދުގައި މިއަދު ކުރިއަށް ގެންދިޔައީ ސިފައިންގެ ހާއްސަ ތަމްރީނެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ހުޅުލޭ ސީޕްލޭން ޓާމިނަލުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތަކެއް މިއަދު ހަވީރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އަދި އެއީ ތަމްރީނުތަކެއްތޯ ބައެއް މީހުން ސުވާލު ވެސް އުފައްދާފައިވެ އެވެ.
އެކަމާ ގުޅިގެން ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދު ކުރިއަށްދިޔައީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަން ކޮލިފިކޭޝަން ކޯހުގެ ހާއްސަ ތަމްރީންތަކެއް ކަމަށެވެ.

މިއަދުގެ ތަމްރީނަށްފަހު ޑިފެންސް މިނިސްޓަރު ގައްސާން ސިފައިންނާއެކު - ފޮޓޯ: އެމްއެންޑީއެފް

އެ ތަމްރީނުގެ ފޮޓޯތަކެއް ވެސް އެމްއެންޑީއެފް އިން ވަނީ ހިއްސާކޮށްފަ އެވެ. ފޮޓޯތަކުން ފެންނަނީ އޮޕަރޭޝަނުގައި ސިފައިންގެ ޑިންގީއަކާއި މޯލްޑިވިއަންގެ ސީޕްލޭނެއްގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާ މަންޒަރެވެ.
ސިފައިންގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ އެ ތަމްރީނުތައް ބަލަން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.













