ރާއްޖޭގެ މަރިޔަމް ރަޝީދާ އާއި މަރްހޫމް ފައުޒިއްޔާ ހަސަން 1994 ހައްޔަރުކުރީ އިންޑިއާ ފުލުހެއްގެ ނަހަމަ ގުޅުމަކަށް އިންކާރު ކުރުމުން ކަމަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބުނެފި އެވެ.
ގދ. ތިނަދޫއަށް ނިސްބަތްވާ މަރިޔަމް ރަޝިދާއާއި މަޝްހޫރު ފިލްމީތަރި ފައުޒިއްޔާ ހައްޔަރުކުރީ އިންޑިއާގެ ޖައްވީ އިދާރާ (އައިއެސްއާރުއޯ) ގެ ބައެއް އިސްވެރިންތަކަކާ ގުޅިގެން ޕާކިސްތާނަށް ޖާސޫސްކުރި ކަމުގެ ތުހުމަތުގަ އެވެ.
ނަމަވެސް ހައްޔަރުކުރިތާ ތިން އަހަރު ފަހުން އެ މީހުން ދޫކޮށްލީ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް ބުނެ އެވެ. މިއާއެކު ހައްޔަރުކުރި މީހުން ވަނީ ބަދަލު ހޯދުމަށް އެދި އިންޑިއާ ސަރުކާރަށް ހުށަހަޅާފަ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން 2021 ގައި ނެރުނު އަމުރަކާ ގުޅިގެން ސީބީއައި އިން ކުރި ތަހުގީގަށްފަހު ބުދަ ދުވަހު ބުނީ އެމީހުން ފްރޭމްކުރީ ކެރެލާ ސްޕެޝަލް ބްރާންޗުގެ އޮފިސަރު އަދި މިހާރު ރިޓަޔާ ކޮށްފައިވާ ވިޖަޔަން، މަރިޔަމް ރަޝީދާއަށް ހުށަހެޅި ނަހަމަ ގުޅުމަކަށް އިންކާރު ކުރުމުން ކަމަށެވެ.
އެގޮތުން، އެކަން ރިޕޯޓުކުރާނެ ކަމުގެ އިންޒާރު މަރިޔަމް ރަޝީދާ ދިނުމުން ވިޖަޔަން ވަނީ އޭނާގެ ޓްރެވެލް ޑޮކިއުމަންޓާޢި ޓިކެޓު ހިފަހައްޓައި އިންޑިއާއިން ފުރައިގެން ދިޔުމަށް ހުރަސް އަޅާފައި ކަމަށެވެ.

އެއަށްފަހު މަރިޔަމް ރަޝީދާއާ ގުޅުން އޮތް ސައިންޓިސްޓުގެ އިތުރުން އޭނާގެ ރަހުމަތްތެރިޔާ ފައުޒިއްޔާ ހައްޔަރުކޮށް، އިންޑިއާއަށް އެމީހުން ޖާސޫސް ކުރާ ކަމަށް ބުނެ ފްރޭމް ކޮށްފައިވާ ކަމަށް ސީބީއައިން ބުނެ އެވެ.
އޭގެ އިތުރުން، މަރިޔަމް ރަޝީދާ ހައްޔަރުކުރީ އިންޑިއާގައި ވިސާ ހަމަވުމަށްފަހު ވެސް ދިރިއުޅެމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް އޭނާ ގައުމުން ފުރައިގެންދާން ވިސާ އޮތް މުއްދަތުގައި ފުރުސަތު ނުދިނީ ފުލުސް އޮފިސަރެވެ.
"މި ހުރިހާ ކަމެއް ކޮށްފައި ވަނީ ފުލުސް އޮފިސަރު ކުރި ކަންތައް ފޮރުވަން. މައްސަލައިގައި ހައްޔަރުކުރި އެންމެން ވަނީ އެކި ކަންކަމުގައި ފްރޭމްކޮށްފައި. އެމީހުން ޕާކިސްތާނަށް ޖާސޫސް ކޮށްދިނުމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވޭ،" ސީބީއައި އިން ބުންޏެވެ.
މައްސަލައާ ގުޅިގެން އެކަމުގައި ޝާމިލުވާ އޮފިސަރުންތަކަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅައި ދައުވާ ކުރުމަށް ސީބީއައި އިން ވަނީ ލަފާ ދީފަ އެވެ.
އެ ހާދިސާ ދައްކުވައިދޭ ހިންދީ ފިލްމެއް ވެސް 2021 ގެ ތެރޭ ނެރެފައިވެ އެވެ. އެމީހުން ބަންދުކޮށްފައި ބެހެއްޓީ ކެރެލާގެ ޖަލެއްގަ އެވެ.













