އޭޑީކޭއިން ދިން ހިދުމަތްތަކަށް ދޭން ޖެހޭ 144 މިލިއަން ރުފިޔާ ދީފައިވޭތޯ މާލިއްޔަތު ކޮމިޓީން ބަލަނީ

އޭޑީކޭއިން ދިން ހިދުމަތްތަކަށް ދޭން ޖެހޭ 144 މިލިއަން ރުފިޔާ ދީފައިވޭތޯ މާލިއްޔަތު ކޮމިޓީން ބަލަނީ

ރާއްްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ކަމަށްވާ, އޭޑީކޭ ހޮސްޕިޓަލުން އާސަންދަ އަދި އެންސްޕާއަށް ދީފައިވާ ހިދުމަތްތަކަށް ބިލުކޮށްފައިވާ 144 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމަށް މިދިޔަ އަހަރު ފޮނުވާފައިވާ ސިޓީއާ ގުޅިގެން އެ ފައިސާ މިހާރު ލިބިފައިވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

އޭޑީކޭގެ ސިޓީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވަނީ ނޮވެމްބަރު 2023, ގަ އެވެ. އެ ސިޓީގައި ބުނެފައި އޮތީ އޮކްޓޯބަރު 2023, ގެ ނިޔަލަށް އާސަންދަ އަދި އެންސްޕާއަށް ދީފައިވާ ހިދުމަތްތަކަށް 144,376,112ރ. ގެ ތެރެއިން 78,555,828ރ. އަކީ ފައިސާ ނުދޭތާ 90 ދުވަސް ވެފައިވާ ބިލުތަކެއް ކަމަށެވެ. އަދި, އެ ފައިސާ ހޯދައިދޭން އެ ސިޓީގައިއ އެދިފައި އޮތެވެ.

މި މައްސަލައާ ގުޅިގެން ވާހަކަ ދައްކަން ދިން ފުރުސަތުގައި ސަރުކާރުގެ މެންބަރުން ބުނަމުންދިޔައީ މިއީ "ކުރީ ސަރުކާރު"ގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. އެ ސަރުކާރުން ކަންކަން ކުރީ ސިޔާސީ ކަމެއްގެ ގޮތުގައި ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވި އެވެ.

މިއީ މިދިޔަ އަހަރުގެ ސިޓީއެއް ކަމަށާއި އެ ސިޓީގެ ކަންކަން ވެސް ބަލަމުންދަނީ ނުނިމި ހުރި ކަންކަން ބަލަން ކޮމިޓީން ފާސްކޮށްފައި އޮތުމުން ކަމަށް ރިޔާސަތުގައި އިންނެވި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

"މިހާރު އަނެއްކާ ނޭނގެ އޮތް ހާލަތެއް, ކިހާ ވަރެއް ނުދެނީ ދިނީ ވެސް. މިވެސް ސާފުކުރަން ޖެހޭ ކަމެއް. އެނގޭ ކޮންމެ މިކަހަލަ ހޮސްޕިޓަލަކަށް ދޭން ޖެހޭ ފައިސާ ހުންނާނެކަން. އެއީ ޔަގީން ކަމެއް. މާލީ ހާލަތު މިހާ ދަށުގައި އޮއްވައި މިކަހަލަ ކަންކަން އަންނާނެ," ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވި އެވެ.

ކޮމިޓީން ނިންމީ މިހާރު އޮތް ހާލަތު ބެލުމަށް ސިޓީއެއް ފޮނުވައިގެން މައުލޫމާތު ސާފު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox