ރާއްޖެ ބަނގުރޫޓުނުވާނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ދެއްވައިފި އެވެ.
ރާއްޖޭގެ މާލީ ހާލަތު ކަންބޮޑުވާ ދަރަޖައަކަށް ދަށަށް ދިޔުމާ ގުޅިގެން، މާލީ އިދާރާތަކުން ވަނީ ހަރަދު ކުޑަ ނުކޮށްފިނަމަ ރާއްޖެ ދަރަނިވެރިވާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިއާއެކު ސަރުކާރުން އަންނަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.
ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ސައީދު ވިދާޅުވީ ރާއްޖެ ނުދަރާނެ ކަމަށާއި ގައުމު ދާނީ ބާރަށް ކުރިއަށް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ ޖީޑީޕީ ދާނީ އިތުރުވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"400 މިލިއަން ޑޮލަރާއި އަދި އެއް ބިލިއަން އެމެރިކާ ޑޮލަރު ދެއްކޭނެ އިންތިޒާމުތައް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހިތަށް ބިރުވެރިކަން ނާންނާނެ ގޮތަށް، ވިޔަފާރިވެރިންނަށް އެއްވެސް ހުރަހެއް ނެތް ގޮތަށް މިދަނީ އިންތިޒާމުކުރަމުން ހަދަމުން. މި ރާއްޖެ ނުދަރާނެ. އިރާދަކުރެއްވިއްޔާ މި ރާއްޖެ ދާނީ ކުރިއަށް. ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ޒައާމަތުގައި މި ރާއްޖޭގެ ޖީޑީޕީ ދާނީ އިތުރުވަމުން. ބޮލަކަށް ޖެހޭ ވައުދު ދާނީ އިތުރުވަމުން. ގެދޮރުވެރިކަމުގެ ވައުދު އަކުރުން އަކުރަށް އިރާދަކުރެއްވިއްޔާ ދާނީ ތަންފީޒުވަމުން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ގައުމު ދަރާނެ ކަމަށް ޑިޒައިން ކޮށްފައި އޮތް ހާލަތު ކަޑައްތު ކޮށްފައިވާ ކަމަށާއި ދަތިކަން ހުރި ނަމަވެސް އެ ދަތިތައް ކަޑައްތު ކުރުމަށް ރެއާއި ދުވާލު ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

ސަރުކާރުން ފިޗް އަދި މޫޑީސްއާއެކު ދައްކާ ވާހަކަތަކުން އަދި ރައީސް މުއިއްޒުގެ އިރުޝާދާއެކު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުން ރާއްޖޭގެ ރޭޓިން ދެން ދާނީ ބޮޑުތަނުން އިތުރުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކްރެޑިޓް ރޭޓް ދަށް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮން ކަމެއްތޯ ކުރެއްވީ. ހަ މަސް ދުވަސް ތެރޭގައި ކޮން ކަމެއްތޯ ކުރެއްވީ ރާއްޖޭގެ ކްރެޑިޓް ރޭޓް ދަށްވާން. ސަރުކާރުތަކުން ހާއްސަކޮށް ނިމިދިޔަ ސަރުކާރުން ކޮށްފައި އޮތް ޒިންމާދާރުކަމެއް ނެތް މަސައްކަތެއްގެ ނަތީޖާއަކީ މިއަދު ދިވެހި ވިޔަފާރިވެރިން މި ހަލާތަށް ވައްޓާލުން،" ސައީދު ވިދާޅުވި އެވެ.
ފިޗުން ރާއްޖެ ޓްރިޕަލް ސީ މައިނަސްއަށް ގެންދިޔުމުން، ރާއްޖޭގެ ވިޔަފާރިވެރިންނަށް ޑިވެލޮޕްމަންޓް ފައިނޭންސަށް ހޯދުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި މިއީ ފައިސާ ޗާޕު ކުރުމުގެ ނަތީޖާ ކަމަށް ސައީދު ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ސަސްޓެއިން ނުކުރެވޭނެ ޑެޓެއް ރާއްޖޭގައި ދެނެއް ނުއުފައްދާނެ ކަމަށާއި ރާއްޖޭގައި ދެން އުފައްދާނީ އިންކަމްއާ ގުޅުންހުރި ދަރަނި ކަމަށެވެ.
އެއީ ވިޔަފާރިއަށް އޮތް ގޮތް ނަމަވެސް، މިއީ އެ ހާލަތު ނޫން ކަމަށާއި ރައީސް ވިދާޅުވި ފިސްކަލް ސްޕޭސް މިވަގުތު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.













