މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ހާޒިރުކުރަން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބައްދަލުވުން ކެންސަލްކޮށްފި އެވެ.
އަލީ ހާޝިމް ހާޒިރުކުރަން ނިންމާފައި އޮތީ މިއަދު 11:00 އަށެވެ. އެ ބައްދަލުވުމަށް ހާޝިމްއާއެކު ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސެއިން ވެސް ވަޑައިގަންނަވާނެ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ.
ގަވަރުނަރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމިއިރު، އޭނާ މަގާމުން ވަކި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ގަވަރުނަރު ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. މެމްބަރު ނާޒިމް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާ ކަމަށް ވިދާޅުވެ އެވެ.
ގަވަރުނަރު ހާޒިރުކުރަން ތާވަލުކުރި ކޮމިޓީ ކެންސަލްކުރީ ކީއްވެ ކަމެއް ރައްޔިތުންގެ މަޖިލީހުން އަދި ހާމައެއް ނުކުރެ އެވެ. އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ކޮމިޓީ ކެންސަލްކޮށް ދެއްވުމަށް ގަވަރުނަރު އެދިވަޑައެއް ނުގަންނަވަ އެވެ.













