ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ކުރާނެ ވަކި ތާރީހެއް ބުނެ ނުދެވުނު ނަމަވެސް އެ މައުލޫމާތު ހާމަ ކުރާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވެސް ވިދާޅުވެއްޖެ އެވެ.
"އަދަދު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ހީނާ ވިދާޅުވީ "ސިޔާސީ މުވައްޒަފުންގެ މައުލޫމާތަކީ ސިއްރު މައުލޫމާތެއް ނޫން" ކަމަށެވެ. ނަމަވެސް "އެ މައުލޫމާތު ހާމަ ކުރާނެ" ކަމަށް ހީނާ ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުންގެ މައުލޫމާތަކީ ސިއްރު މައުލޫމާތުތަކެއް ނޫން ކަމަށް ހީނާ ވިދާޅުވި ނަމަވެސް އެ މައުލޫމާތު ސަރުކާރުގެ އެއްވެސް ތަނަކުން ފެންނާކަށް ނެތެވެ. އެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައެއް ވެސް ނުވެ އެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ރަސްމީކޮށް ހާމަނުކުރާތީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ޔަގީން އަދަދެއް ނޭނގެ އެވެ.

ނަމަވެސް, "އަދަދު" ނޫހުން އެކި މަސްދަރުތަކުން ހޯދި ހޯދުންތަކުން ޔަގީން ކުރެވޭ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 2,000 އާ މިހާރު ގާތްކުރާނެ އެވެ.
އެކަމުގެ ސަބަބުން ބައެއް ސިޔާސީ މުވައްޒަފުން އޮފީސް ގަޑީގައި މިނިސްޓްރީތަކުގެ ކައިރީގައި ހުންނަ ކެފޭ ރެސްޓޯރަންޓުތަކުގައި ވަގުތު ހޭދަކުރާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
އައްޔަނުކުރި މުވައްޒަފުން މަސައްކަތް ކުރުމަށް ބައެއް މިނިސްޓްރީތަކުގައި ގޮނޑި އާއި މޭޒު ވެސް ހަމައަށް ނެތް ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ޔަގީންކޮށްދީފަ އެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ މިންވަރު ހާމަ ކުރުން ލާޒިމުވާ ގޮތަށް އިދިކޮޅު އެމްޑީޕީން މިދިޔަ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީއެންސީގެ ފުރިހަމަ ތާއީދާއެކު ވަނީ ބޭރުކޮށްލައިފަ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން މާލިއްޔަތު ކޮމެޓީގައި ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގުއާ ސުވާލު ކުރުމުން އެ ކޮމެޓީއާ ވެސް އެ މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެ އެވެ.













