މާލީ ދަތިކަން ބޮޑުވެ، ހަރަދު ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައި ވަނިކޮށް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަށް އާ ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކޮށްފި އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެންވަޔަރަމެންޓު މިނިސްޓްރީ އަށް އަލަށް އައްޔަންކުރީ ނެޓްބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވީ ފަޒުނާ ޖަލީލެވެ.
އެ މައުލޫމާތު ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ފަޒުނާ އައްޔަންކުރިކަން ސަރުކާރުގެ އިސް އޮފިޝަލަކު ކަށަވަރުކޮށް ދެއްވި އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ މިނިސްޓްރީގައި މިހާރު ވެސް ޖުމުލަ 46 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވި އެވެ. ފަޒުނާއާއެކު އެ އަދަދު 47 އަށް އަރާނެ އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން
- މިނިސްޓަރު
- 7 ސްޓޭޓު މިނިސްޓަރުން
- 14 ޑެޕިއުޓީ މިނިސްޓަރުން
- 15 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން
- 10 ޕޮލިޓިކަލް ޑިރެކްޓަރުން
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 31،500ރ. ލިބެ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާފައި ވިޔަސް، އެ މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ނޫސްވެރިން ސުވާލުކުރުމުން ވެސް އެ އަދަދެއް ނުދެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރާ ސުވާލުކުރުމުން ވެސް ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ހާމައެއް ނުކުރި އެވެ.
ސަރުކާރު މުވައްޒަފުންގެ އަދަދު ހާމަނުކުރާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް، މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރަން ސަރުކާރު ހިންގާ، އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ބޭނުން ނުވާތީ، ފާހެއް ނުވި އެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފަހައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ސިޔާސީ މުވައްޒަފުންގެ އަދަދު މިހާރު 2000 އަށް އަރާނެ ކަމަށް ބެލެވެ އެވެ.












