ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު، ދައުރަކުން ދައުރަކުން އިތުރުނުވާ ގޮތަށް ވަކިވަރެއްގައި ހިފަހައްްޓަން ތާއީދު ކުރެއްވި ނަމަވެސް މެންބަރުންނަށް ލިބޭ މުސާރަޔާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެންނަން ތާއީދުނުކުރައްވާ ކަމަށް މަޖިލީހުގެ ގިނަ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމާ މެދު މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބަލަން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ގަރާރަކަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގެ އެންމެ ކުރީ ކޮޅުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މުސާރަޔާ އިނާޔަތްތަކަށް ރާއްޖޭގައި ކުރާ ހަރަދު ބޮޑުކަމަށެވެ.
އެ ވާހަކައަށް ބާރުދޭ ތަފާސް ހިސާބުތަކެއް ވެސް އޭނާ ދެއްވި އެވެ.
"ނަވާރަ ވަނަ މަޖިލީހުގައި 87 މެންބަރުންގެ މުސާރައާއި އެއްބޭފުޅެއްގެ އިންޝުއަރެންސަށް އެކަނި ވެސް، ފަސް އަހަރު ތެރޭގައި 448 މިލިޔަން ރުފިޔާ އަޅުގަނޑުމެން މިވަނީ ހަރަދުކޮށްފައި، 20 ވަނަ މަޖިލިސް، 93 މެންބަރުންނާ އެކު އަޅުގަނޑުމެން 479 މިލިޔަން ރުފިޔާއާ ދިމާލަށް މިހާރު މިހިރީ މިސްރާބުޖަހާފައި، ނަތީޖާއެެއްގެ ގޮތުގައި 20 ވަނަ މަޖިލިސްގައި އަޅުގަނޑުމެންގެ މުސާރައިގެ ގޮތުގައި 30 މިލިޔަން ރުފިޔާ މިވަނީ އިތުރުވެފައި،" މެންބަރު މުހައްމަދު ވިދާޅުވި އެވެ.
އޭނާ އެމޭރުމުން ވާހަކަ ދައްކަވައި ނިންމެވި ފަހުން، މެންބަރުންގެ މުސާރަ ބޮޑު ނޫން ކަމަށް ވިދާޅުވެ، މުސާރަ ކުޑަކުރުމާ ދެކޮޅަަށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ގަރާރު ހުށަހެޅުއްވި، ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އެވެ.

"ރައްޔިތުންގެ ތެރޭގައި ވެސް ވަރަށް ގިނައިން ދެކެވޭ ވާހަކައެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ [މުސާރަ ބޮޑު ވާހަކަ އަކީ]، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ، އިއްޒަތްތެރި ރައީސް، މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަ،" ޝުޖާއު ވިދާޅުވި އެވެ.
އޭގެ ފަހުން މާމިގިނލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވެސް ވިދާޅުވީ މެންބަރުންގެ މުސާރަ ކުޑަ ކަމަށެވެ.
އޭގެ ފަހުން ވާހަކަ ދެއްކެވި، ޕީއެންސީގެ ގިނަ މެންބަރުން ވާހަކަ ދެއްކެވީ މެންބަރުންގެ މުސާރަޔާ އިނާޔަތް ކުޑަކުރުމާ ދެކޮޅަށެވެ. އެގޮތަށް ވާހަކަ ދެއްކެވި އެއް މެންބަރަކީ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދެވެ.
"ހަގީގަތުގައި ވެސް މެންބަރުންނަކީ މިއަދު ވެލްފެއާ ޕޯޓަލެއް ކަހަލަ ބައެއް، އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ އެއްގޮތަކަށް ވެސް މެންބަރުންގެ މުސާރަ ބޮޑުކުރާ ވާހަކައެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ކޮލަމާފުށި ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ މަޖިލިސް މެންބަރުންގެ މުސާ ބޮޑުކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މުއައްސަސާތަކުގެ ވެރިންނަށާއި ކުންފުނިތަކުގެ ވެރިންނަށް ކުރާ ހަރަދު މާ ބޮޑުކަމަށެވެ.
"މަޖިލިސް މެންބަރުކުރަން ޖެހޭ ހަރަދުތަކެއް މިއިން އެއްވެސް ބޭފުޅަކު ކުރާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ، މަޖިލިސް މެންބަރުން ދާއިރާގެ އެތައް ރައްޔިތުންނެއްގެ އެތައް ކަމެއްގައި އުޅެން އެބަ ޖެހޭ. އެހެންވީމާ މަޖިލިސް މެންބަރުންގެ މުސާރައަށް މިލިބޭ 42،000 ރުފިޔާ ގިނަވެގެން މިދައްކާ ވާހަކައަކީ އަަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް ވެސް ވިދާޅުވީ މަޖިލިސް މެންބަރުންނަށް ދައުލަތުން ބޮޑު ހޭދައެއް ކުރާ ކަމަށް ރައްޔިތުންގެ ތެރޭގައި އަބަދު ވެސް ވާހަކަ ދައްކާ ކަމަށާއި އެހެން ނަމަވެސް އެކަން އޮތީ އެހެނެއް ނޫން ކަމަށެވެ.
"ނޫން، އެއްގޮތަކަށް ވެސް އެހެނެއް ނޫން، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގައި، ކުންފުނިތަކުގައި ވެސް މިއަށް ވުރެ މާބޮޑެ މުސާރަތައް ލިބޭ ފަރާތްތައް އެބަ ތިބި،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް މެންބަރުންގެ އަދަދު ވަކިވަރެއްގައި ހިފަހައްޓަން އޭނާ ވެސް ތާއީދުކުރެއްވި އެވެ.













