ޖަމީލު މަރުވި މައްސަލައިގައި ސަރުކާރުން އަމަލު ކުރަނީ ހަގީގަތް އޮޅޭ ގޮތަށް: އެމްޑީޕީ

އެމްޑީޕީގެ ޕީޖީ ލީޑަރު، އިބްޜހިމް ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރު، އިބްޜހިމް ނާޒިލް

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި މިދިޔަ ހުކުރު ދުވަހު މަރުވި ށ. ފުނަދޫ، ޒަމާނީ ވިލާ، މުހައްމަދު ޖަމީލު، 45އ ގެ މަރުގެ ހަގީގަތް އޮޅޭ ގޮތަށް ސަރުކާރުން އަމަލު ކުރަމުންދާ ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު، އިބްރާހިމް ނާޒިލް ވިދާޅުވީ މީގެ ކުރިން 2003 ވަނަ އަހަރު ޖަލުގައި އަނިޔާކޮށް މަރާލި، އީވާން ނަސީމްގެ މަރާއި އޭގެފަހުން 2007 ވަނަ އަހަރު މާލޭ ފަޅު ތެރެއިން މަރުވެފައި އޮއްވައި ފެނުނު، ހުސެއިން ސޮލާހުގެ މަރާ އެއްގޮތް ކަންތައްތަކެއް ހުރި ކަމަށެވެ.

"މީގެ ދެދުވަސް ކުރިން 28 ޖޫން، ގައި މި ހިނގައިދިޔަ ކަންތައްތައް ވަރަށް ބޮޑަށް ރައްޔިތުންނަށް އެކި ގޮތްގޮތަށް އޮޅޭގޮތަށް ސަރުކާރުން ކަންތައް ކުރަމުންދާކަން، އަޅުގަނޑުމެން ރައްޔިތުންނަށް، ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް އެބަ ފާހަގަކުރެވޭ، މީގައި ޝައްކު އުފެދޭ ބައިވަރު، ބައިވަރު ކަންތައްތަތައް އެބަހުރި،" ނާޒިލް ވިދާޅުވި އެވެ.

އަދި ޖަމީލުގެ މަރާ ގުޅިގެން ފުލުހުން އަމަލު ކޮށްފައި ވަނީ 19 ވަނަ މަޖިލީހުގައި އެމްޑީޕީން އިސް ނަގައިގެން ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހުތަކާއި އެ ގާނޫނުގެ ދަށުން ހެދިފައި ހުރި ގަވާއިދުތަކާ ހިލާފަށް ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.

ރައްޔިތުންނަށް އޮޅުވައިލުން އޮޅުވައިލަނީ ކޮން ބަޔަކަށް އެކަމުގެ ގެއްލުން ވަތީތޯ އާއި އޮޅުވައިލުން އޮޅުވައިލުމުން ބަޔަކަށް އެކަމުގެ ސަބަބުން މަންފާ ވޭތޯ ވެސް ނާޒިލް ސުވާލު އުފެއްދެވި އެވެ.

ޖަމީލުގެ މަރުގެ މައްސަލައިގައި ފުލުހުން އިއްޔެ ބުނެފައި ވަނީ އޭނާ މަރުވީ އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިގެނެއް ނޫން ކަމަށެވެ. އަދި ޖަމީލުގެ ހަށިގަނޑުގެ ބޭރުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން އިއްޔެ ބުނެފައިވެ އެވެ.

އެހެން އެކަން ހުރި ނަމަވެސް ސޯޝަލް މީޑިއާގައި ޖަމީލުގެ މަރާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރެވިގެން ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓެން ހެދުމަށް ނިންމި ނަމަވެސް އެކަން ނުކުރެވުނީ އާއިލާއިން އެކަމަށް އެއްބަސް ނުވުމުން ކަމަށް ވެސް ފުލުހުން އިއްޔެ ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރީއާއި ފުލުހުންގެ އިތުރުން ޕްރިޒަންސް ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޖަލުގައި މަރުވާ ހުރިހާ އެންމެންގެ ވެސް ޕޯސްޓްމޯޓެމް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި މިއަދު އެމްޑީޕީން ބުނީ އެއީ ވަކި މީހަކު ނިންމަންޖެހޭ ކަމެއް ނޫން ކަމަށާއި އެކަން ކުރެވޭނެ ގޮތް މިހާރު ގާނޫނުގައި ސާފުކޮށް ލިޔެފައި އޮންނަ ކަމަށެވެ.

"ޕޯސްޓްމޯޓެމް ހެދުމާއި މިކަންކަމަކީ، މިކަންކަމުގެ ތެރޭގައި ވަކި މީހަކު ބޭނުންވާ ގޮތަށް ކަންކަން ނުކުރުމަށްޓަކައި ނުވަތަ ގޯހުން ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި ގާނޫނުގެ ދަށުން ވަކި ގަވާއިދުތަކެއް ހެދި ވަރަށް ތަފުސީލުކޮށް އޭގެ ޕްރޮސީޖަރުތައް ލިޔެވި ކަނޑައެޅިފައި ހުރި ކަންކަން، އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑު މިވެނި ކަމެއް ފުލުހުންނަށް އަންގައިފީމޭ، އަޅުގަނޑު މިވެނި ކަމެއް ނިންމައިފީމޭ ކުރަން ވިދާޅުވާތަން އިނގޭތޯ؟ އެއްގޮތަކަށް ވެސް އެހެން އޮންނަ ކަމެއް ނޫން މިއީ،" މައުރޫފް ވިދާޅުވި އެވެ.

2022 ވަނަ އަހަރުު ގެޒެޓު ކުރި ޕޯސްޓްމޯޓަމް ހެދުމުގައި އަމަލު ކުރާނެ އިޖުރާއަތުތަކުގެ ގަވާއިދުގައި ޕޯސްޓްމޯޓަމް ހެދޭނެ މަރުގެ ބާވަތްތަކުގެ ތެރޭގައި ހިމަނާފައި ވަނީ:

  • އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވެފައިވާ މައްސަލަ
  • އަމިއްލައަށް މަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ
  • ގަސްތުގައި މީހަކު މަރާލައިފައިވާކމަަށް ތުހުމަތު ކުރެވޭ މައްސަލަ
  • ގޮތް ނޭނގޭ މަރުގެ މައްސަލަ
  • ގުދުރަތީ ގޮތުން ނޫން އެހެން ކޮންމެވެސް ގޮތަކުން މަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލަ

އެހެންކަމުން ޖަމީލުގެ ހަށިގަނޑުގައ ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަ ކުރެވޭ ނަމަ، ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް އޮތެވެ. ނަމަވެސް އާއިލާއިން ފަހުން ޕޯސްޓްމޯޓަން ހަދަން އެއްބަސް ނުވީ ހުރިހާ ކަމެއް ނިންމުމަށްފަހު އާއިލާއާ ހަށިގަނޑު ހަވާލު ކުރުމަށްފަހު ވަޅުލަން ވެސް ކައިރިވެފައި ވަނިކޮށް ފުލުހުން ގޮސް ޖަމީލުގެ ހަށިގަނޑު ގެންދަން އުޅުމުންނެވެ.

ޖަމީލުގެ މަރުވި ގޮތް އަދިވެސް އިތުރަށް ތަހުގީގު ކޮށް ހަގީގަތް ހާމަ ކުރުމަށް ވެސް އެމްޑީޕީން ގޮވައިލިި އެވެ.

މިއަދުގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ނޯންނަ ދުވަސްވަރު ހާއްސަކޮށް އަނިޔާގެ މައްސަލަތައް ވަރަށް އިތުރުވާ ކަމަށާއި އެފަދަ ޝަކުވާތައް މިހާރު ވަރަށް ގިނަވެފައިވާ ކަމަށެވެ.

އަދި ޖަމީލު މަރުވެފައި ވަނީ ޕްރިޒަންސްގެ އޮފިސަރުންތަކަކަށް ބޮޑެތި ތުހުމަތު ކުރެވި އޮފިސަރުންތަކެއް ހައްޔަރު ކޮށްފައިވާ ދުވަސްވަރެއްގައި ކަމަށް ވާތީ އެ ނަޒަރިއްޔާތުން ވެސް ޖަމީލުގެ މަރުގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް މައުރޫފު ވިދާޅުވި އެވެ.

އޭގެއިތުރުން މި ފާއިތުވި ދުވަސްތަކުގައި ޖަލުގައި ގައިދީންނަށް ލާއިންސާނީ އަނިޔާތަކެއް ކޮށްފައިވާ ކަމުގެ މައުލޫމާތުތަކެއް ވެސް އެމްޑީޕީއަށް ލިބިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ނަމަވެސް އެކަމުގެ ތަފުސީލެއް ނާޒިލް ނުދެއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox