ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ނެގި ދެ ލޯނުގެ މައުލޫމާތު ހިއްސާ ކުރުމުން މާލިއްޔަތު ކޮމެޓީ މިއަދު ހޫނުވެއްޖެ އެވެ.
މިއަދު އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ހިއްސާ ކުރީ ސައޫދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ނަގާފައިވާ 187.5 މިލިއަން ސައޫދީ ރިޔާލުގެ ލޯނަކާއި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ސައޫދީ ފަންޑުން ނަގާފައިވާ 375 މިލިއަން ރިޔާލުގެ ލޯނެއްގެ މައުލޫމާތެވެ.
އެ ދެ ލޯނުގެ ތަފުސީލުގެ ގޮތުގައި ފިނޭންސް މިނިސްޓަރީން ހުށަހެޅި ކަރުދާހުގައި ހިމަނައިފައި އޮތީ ދެ ލޯނުގެ އިންޓްރެސްޓު ރޭޓާއި ދައްކަންޖެހޭ މުއްދަތުގެ އިތުރުން ލޯނުތަކުގެ ޝަރުތުތަކެވެ.
މައްސަލަ ހޫނުވީ މާލިއްޔަތު ކޮމެޓީގައި އިންނަވާ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، ޑރ. އަހުމަދު ޝަމްހީދު ދެއްކެވި ވާހަކައާ ގުޅިގެންނެވެ. ޝަމްހީދު ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ލޯނު ނެގުމާއި ނުނެގުމަކީ މާލިއްޔަތު ކޮމެޓީއަށް ހުއްޓުވޭނެ ކަމެއް ނޫން ނަމަވެސް ސަރުކާރުން ނަގާ ލޯނުތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ކޮމެޓީއާ ހިއްސާ ކުރާ މައުލޫމާތު ކަރުދާހުގައި ހިމާނައިފައި އޮންނަން ޖެހޭނެ ކަމަށެވެ.
"މި ޕޭޕަރުތައް މިއަންނައިރު މިއަންނަނީ ހަމަ އެއްކަލަ ގުރޭޑު އެކެއްގެ ކުއްޖަކު މިކަހަލަ ޕޭޕަރެއް އެއްޗެއް ފޮނުވާ ގޮތުގެ މަތިން، މިއަކު ނެތް އެއްވެސް ޓެކްނިކަލް މައުލޫމާތެއް،" ޑރ. ޝަމްހީދު ވިދާޅުވި އެވެ.

ޑރ. ޝަމްހީދުގެ އެ ވާހަކަތަކަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް އިންނެވި މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް ދެކޮޅު ހައްދަވައި ފިނޭންސް މިނިސްޓަރީން ފޮނުވި ކަރުދާހުގައި ޝަމްހީދު އިޝާރާތް ކުރައްވާ މައުލޫމާތު އެބަހުރި ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޑރ. ޝަމްހީދު އަނެއްކާ ވެސް އަސްލު އޭގައި ހުންނަންޖެހޭ ވަރަށް މައުލޫމާތު ނެތްކަމަށް ވިދާޅުވި ވާހަކަ ތަކުރާރު ކުރެއްވި އެވެ.
"މައުލޫމާތުތައް ހުންނަން އެބަޖެހެޔޭ، ލޯނެއް ނެގީމާ ދެން އޭގެން ވާނެ ފައިދާއާއި ގައުމަށް ކުރާނެ އަނެކަތި [އަސަރު] ހަމައެކަނި ކުޑަ އިންޓްރެސްޓެއްގައި ލިބުމެއް ނޫން، އޭގެ ސަބަބުން ދެން އަންނާނެ ހަރަދު، ދައުލަރުގެ މާލިއްޔާއަށް ޖެހޭނެ ބުރަ ވެސް އަޅުގަނޑުމެންނަށް އެނގިފައޭ އޮންނަން ޖެހޭނީ ލޯނަކަށް ސަރުކާރުން އެންޓާ ވާއިރު،" ޝަމްހީދު ވިދާޅުވި އެވެ.
އެއަށްފަހު ޑރ. ޝަމްހީދު ވަނީ އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން އިތުރަށް ނެގި ލޯނާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކަންބޮޑުވާ ސަބަބެއްގެ ގޮތުގައި ޝަމްހީދު ފާހަގަ ކުރެއްވީ އެއާޕޯޓު ޓާމިނަލް ނިންމުމަށް އިތުރު 240 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެމްއޭސީއެލުން ބުނެފައި އޮތުމެވެ.
"މާނައަކީ ކުރިން އަންދާޒާ ކުރި އެތީގެ ދެބައި ކޮށްފައި އެއްބައި ކުއްލިއަކަށް އެއާޕޯޓު ޓާމިނަލް ޑިވެލޮޕް ކުރަން ނޫނީ ޕްރޮޖެކްޓަށް ބޭނުންވެގެން މިއުޅެނީ، އެހެންވީމާ އަދަދު، އެހައިވަރަށް ބޮޑުވިއިރު ބޮޑުވި ސަބަބެއް ނުވަތަ މީގެ ސަބަބުން އެމްއޭސީއެލްއަށް ނޫނީ އެމީހުންގެ ކޭޝް ފްލޯއަށް ނޫނީ ލޯނު އަނބުރާ ދެއްކުމަށް ކުރާނެ އަސަރެއް، މިކަހަލަ އެއްވެސް މައުލޫމާތެއް މި ލޯނާ ގުޅިގެން ނެތް،" ޝަމްހީދު ވިދާޅުވި އެވެ.
ޑރ. ޝަމްހީދުގެ އެ ވާހަކަތަކާ ގުޅިގެން އެ ކޮމެޓީގެ މުގައްރިރު، ގާސިމް ވަނީ އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ބޭނުންވެވަޑައިގަންނަވާ ނަމަ ކުރީގެ ފިނޭންސް މިނިސްޓަރާއި އެމްއޭސީއެލްގެ ކުރީގެއާއި މިހާރު އިސްވެރިން މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރަން ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.
ނަމަވެސް މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވަމުން ގެންދެވީ ކުރީގެ ފިނޭންސް މިނިސްޓަރު ހާޒިރު ކުރުމަކީ ވަގުތުތަކެއް ބޭކާރުވެގެން ދާނެ ކަމެއް ކަމަށާއި ސަރުކާރުން ނަގާފައިވާ ދެ ލޯނަކީ ވަރަށް ރަނގަޅަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
ޝަމްހީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު އަޒާން ވިދާޅުވީ ފިނޭންސް މިނިސްޓަރީން ފޮނުވި މައުލޫމާތު ކަރުދާހުގައި ލޯނާ ގުޅޭ ހުރިހާ މައުލޫމާތެއް ހުރި ކަމަށެވެ. ޝަމްހީދު އެދިވަޑައިގަންނަވާ މައުލޫމާތަކީ ފިނޭންސް މިނިސްޓަރީން ފޮނުވާ މައުލޫމާތު ކަރުދާހުގައި އޮންނަން ޖެހޭ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތުތައް ބޭނުންވެވަޑައިގަންނަވާ ނަމަ ހޯއްދަވަން ޖެހިވަޑައިގަންނަވާނީ ޝަމްހީދު އަމިއްލައަށް އެދިގެން ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.
އެ ވާހަކަތަށް ތާއީދު ކުރައްވައި ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއު ތުހުމަތު ކުރެއްވީ ޑރ. ޝަމްހީދު އުޅުއްވަނީ ލޯނުތަކުގެ ވާހަކައާ ގުޅުވައި ސިޔާސީ މަންފާއެއް ހާސިލު ކުރައްވަން ކަމަށެވެ. ފިނޭންސް މިނިސްޓަރީން ފޮނުވި ކަރުދާހުގައި އެކަށީގެންވާ މިންވަރަށް މައުލޫމާތެއް ނެތް ކަމަށް ޑރ. ޝަމްހީދު ވިދާޅުވަނީ ރައްޔިތުންނަށް ކަންތައްތައް އޮޅުވައިލައްވަން ކަމަށް ވެސް ސުޖާއު ތުހުމަތު ކުރެއްވި އެވެ.
ނަމަވެސް ޑރ. ޝަމްހީދު ވަނީ އޭނާ ވިދާޅުވަމުންދިޔަ ވާހަކަތައް ތަކުރާރު ކުރައްވައި ފަހުން ވެސް ވާހަކަދައްކަވައިފަ އެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުން ނިމުނީ ކިހިނެއްކަމެއް ނޭނގެ އެވެ. އެ ބަހުސްގެ ތެރެއިން މާލިއްޔަތު ކޮމެޓީގެ ލައިވް ފީޑު ވަނީ ވަކި ހިސާބަކުން ކެނޑިފަ އެވެ.
ސަރުކާރުން އިތުރު ދެ ލޯނެއް ނަގާފައި މިވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. މާލިއްޔަތު ކޮމެޓީގައި މީގެ ކުރިން މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވެސް ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވާ ފަދަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ.












