ފާއިތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި ސަރުކާރުގެ މަސް ކުންފުނި, މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (އެމްޕީއެލް) އަށް ސަރުކާރާއި އެހެނިހެން ގޮތްގޮތުން މާލީ އެހީގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު 2.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފި އެވެ.
މިއަދު އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭ ގޮތުން މީޑިއާތަކާއި ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ނުއަގުގައި މަސް ގަންނަން ޖެހުމުގެ ސަބަބުން މިފްކޯއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. ކުރިން 2015 ވަނަ އަހަރުން ފެށިގެން މިފްކޯއަށް 1.3 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދީފައިވެ އެވެ.
"މިފްކޯއަށް ސަރުކާރުގެ ބަޖެޓުން ދީފައިވާ ގުރާންޓާއި ލޯނު، އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ހަމަޖައްސައިދީފައިވާ ލޯނުތަކުގެ ޖުމުލަ އަދަދު 2.5 ބިލިއަން ރުފިޔާއަށް އަރާ. އަދި މި މުއްދަތުގެ ކުރިން ސަރުކާރުން ލޯނުގެ ގޮތުގައި ނަގާފައިވާ 576 މިލިއަން ރުފިޔާ 2022 ވަނަ އަހަރު ސަރުކާރުން މާފު ކޮށްދީފައިވޭ," އެ މައުލޫމާތުގައިވެ އެވެ.
އޮޕަރޭޝަންތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ ހަކަތަ އާއި ގާބިލުކަން މިވަގުތަށް ކުންފުނީގައި ހުރި ނަމަވެސް މާލީ ގޮތުން އުފުލަން ޖެހިފައިވާ ބުރަ އަވަސް ފިޔަވަޅުތަކެއް އަޅައިގެން ލުއިކުރަން ޖެހޭ ކަމަށް މިފްކޯއިން ބުނެ އެވެ.
"އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އިރު އެސްޓީއޯއިން މިފްކޯއަށް ކޭޝްފްލޯ ސަޕޯޓު ދިނުމަށްޓަކައި 2022 ވަނަ އަހަރުގެ ނިޔަލަށް 512 މިލިއަން ރުފިޔާގެ ތެޔޮ ދަރަންޏަށް ދޫކޮށްފައިވޭ. މި ދަރަނީގެ އެއްވެސް ފައިސާއެއް އެސްޓީއޯއަށް މިހާތަނަށް ދެއްކިފައެއް ނުވޭ," މިފްކޯއިން ބުނެ އެވެ.

އެކިއެކި މާލީ އިދާރާތައް މެދުވެރިކޮށް 2020 އިން 2022 އަށް ކޭޝް ފްލޯ ހަމަޖެއްސުމަށް މިފްކޯއަށް ދީފައިވާ ލޯނުތަކުގެ އަދަދު 645 މިލިއަން ރުފިޔާއަށް އަރާއިރު އެ ލޯނުތަކުގެ އިންޓްރެސްޓަށް އަހަރަކު 40 މިލިއަން ރުފިޔާ ހޭދަވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.
"ކުންފުނި ދަރަނީގައި ސަރުކާރުގެ އެހީއަށް ބަރޯސާވެގެން ހިންގަމުން ދާއިރު ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ ކުންފުނީގެ ހަރަދުތައް ރީސްޓްރަކްޗާކޮށް، އޮޕަރޭޝަނަށާއި ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެވިގެން. އެ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން އެބަ ގެންދެވޭ," މިފްކޯއިން ބުނެ އެވެ.
އެކަންކަމަށް މަގުފަހި ކުރުމުގެ ގޮތުން މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން އިތުރުކުރަން އިންވެސްޓުކޮށް, އިތުރު އިންވެސްޓުމަންޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިފްކޯއިން ބުނެ އެވެ.
"ކުރިއަށް އޮތް 5 އަހަރުގެތެރޭގައި މިފްކޯ ތަރައްގީކުރުމަށް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށް ޕްލޭން ކުރެވި ކަމާއިގުޅޭ މަސައްކަތްތައް ހިނގަމުން އެބަދޭ."












