ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެ ކޮމިޓީއަށް ފޮނުއްވި މައުލޫމާތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މިއަދު ކުރިއަށްގެންދާ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މިއަދަކީ އެ ކޮމިޓީއަށް މިނިސްޓަރު ހާޒިރުވާން ޖެހޭ ދުވަހެވެ. ނަމަވެސް, ބަލިވެ އުޅުއްވާތީ އޭނާ މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ރިޔާސަތުގައި އިންނެވި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިއުލާނުކުރެއްވި އެވެ.
މިއަދުގެ ބައްދަލުވުމަށް ވަޑައިނުގެންނެވި ނަމަވެސް ޝަފީގު ވަނީ މާލީ ހާލަތާ ގުޅޭ މައުލޫމާތުތަކެއް ކޮމިޓީއަށް ފޮނުއްވާފަ އެވެ. މެންބަރުންގެ ފައިލުގައި އެ މައުލޫމާތުތައް ހުރިއިރު އެކަމާ ގުޅޭ މަޝްވަރާތައް މި ބައްދަލުވުމުގައި ކުރިއަށްދާނެ އެވެ.
"ދައުވަތަށް ފިނޭންސް މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވެފައި އެބައޮތް މިނިސްޓަރު ބޭނުންވަނީ ކޮމިޓީ ސިއްރުކޮށްގެން ގެންދަންށޭ. އެގޮތަށް ވިދާޅުވެފައި ފޮނުވި މައުލޫމާތުތަކެއް އަޅުގަނޑުމެންގެ ފައިލުގައި މިހުރީ. އެހެންވީމާ މީޑިއާ ވައްދާކަމަށްވަންޏާ މި މައުޟޫއަކަށް ބަހުސެއް ނުކުރެވޭނެ. އަޅުގަނޑަށް ފެންނަ ގޮތުގައި މި ޓޮޕިކަށް ވާހަކަ ދައްކަންޏާ މީޑިއާއަކަށް އެލައު ނުކުރެވޭނެ," ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވި އެވެ.
އެ ސިޓީގައި ޝަފީގު އެހެން އެދިވަޑައިގެންފައިވާތީ މިއަދުގެ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ ނާޒިމް އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮންނަ އެ ކޮމިޓީން ފާސްކުރީ މީޑިއާތައް ނެރެ ކޮމިޓީ ސިއްރު ކުރުމަށެވެ.

"އެ ދުވަހު ހައްސާސް މައްސަލައެއް ވީމައި ތިމަންނަ ބޭނުންވަނީ ސިއްރުކުރަންށޭ ސިޓީއެއްގައި. އެ ސިޓީއާ ގުޅުވާފައި ފޮނުވާފައިވާ މައުލޫމާތެއް މިއީ. މި މައުޟޫއަށް ވާހަކަ ދައްކަންޏާ މީޑިއާއަކަށް ނުވެއްދޭނޭ،" ނާޒިމް ވިދާޅުވި އެވެ.
"ފިނޭންސް މިނިސްޓަރު ޕޮޒިޝަން ޗޭންޖު ކުރައްވާފައި ދެން ވަޑައިގަންނަވާ ދުވަހަކުން އޯޕަންކޮށް ކޮމިޓީ ބާއްވަންޏާ އެކަން ކުރެވޭނެ. އެހެންވީމާ އެކަން އަލުން ވެރިފައި ކުރެވޭނެ ދެން ވަޑައިގަންނަވާ ދުވަހު ބޭނުންވަނީ އޯޕަންކޮށްތޯ ބާއްވަން."
އެގޮތަށް ފާސްވުމާއެކު ކޮމިޓީގެ އޯޑިއޯ ލައިވްސްޓްރީމް ވެސް ވަނީ ކަނޑާލާފަ އެވެ. އެހެންކަމުން, މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ފޮނުވި ދައުލަތުގެ މާލީ ހާލާތާ ގުޅޭ މައުލޫމާތުތަކާ ގުޅިގެން ކޮމިޓީން ކުރާ މަޝްވަރާތަކުގެ ތަފްސީލެއް ނޭނގެ އެވެ.
ބެލެވޭ ގޮތުގައި އަންނަ ބުދަ ދުވަހު ޝަފީގު ކޮމިޓީއަށް ހާޒިރުވެވަޑައިގަތަސް އެ ބައްދަލުވުން ވެސް ސިއްރުކުރާނެ އެވެ.
ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަން މާލިއްޔަތު ކޮމިޓީން ފާސްކުރީ ޖޫން 4، ގައި ބޭއްވި އެ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގަ އެވެ. އެ ގޮތަށް ފާސްކުރަން އެ ދުވަހުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅުއްވީ ވެސް ނާޒިމެވެ.
މާލިއްޔަތު ކޮމިޓީ އަކީ ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލަން މަޖިލީހުގައި އޮންނަ ދާއިމީ ކޮމިޓީއެކެވެ. އެކޮމިޓީގެ ބައްދަލުވުމެއް ސިއްރުކުރަން މާލީ ވަޒީރަކު މީގެ ކުރިން އެދިވަޑައިގެންނެވިކަން އެނގޭކަށް ނެތެވެ.













