ވިލާ ކޮލެޖުން 150 އަށްވުރެ ގިނަ ޕްރޮގްރާމާއެކު ސެޕްޓެމްބަރު އިންޓޭކުގައި ފަށަން ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖުން ބުނީ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެޕްލައިކޮށް އަދި އެޕްލިކޭޝަންގެ ސްޓޭޓަސް މިހާރު ޗެކް ކުރެވޭނެ ކަމަށާއި، އެޕްލައި ކުރާ ދަރިވަރުންނަށް ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ފޯމްގެ ޖަވާބެއްލިބޭނޭ ކަމަށެވެ.
ސެޕްޓެމްބަރު އިންޓޭކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ހުށަހެޅޭނީ އޮގަސްޓް 1، ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.
ވިލާއިން ބުނިގޮތުގައި ހުޅުވައި ކޯސްތަކުގެ ތެރޭގައި ހިމެނެނީ މާސްޓާސް ފެންވަރުގެ 21 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯހަކާއި، ޑިގްރީ ފެންވަރުގެ 45 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 50 ކޯހަކާއި، ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 17 ކޯހަކެއްގެ އިތުރުން ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯހެވެ.
މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި، ޔުނިވާސިިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، މެލޭޝިއާގެ ޔުނިވާސިޓީ އޮފް ސައިބާޖާޔާ އަދި ޓޭލަރސް ޔުނިވާސިޓީގެ ޕްރޮގްރާމަތައް ހިމެނޭ ކަމަށް ވިލާއިން އެވެ.

ވިލާ ކޮލެޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިލާ ކޮލެޖުގެ ވައިސްރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ކޮލެޖުގެ އެންމެ ބޮޑު ފޯކަސްއަކީ ވިލާކޮޖުން ހިންގާ ޕްރޮގްރާމަތަކަކީ ފެންވަރުގެ ގޮތުން ދުނިޔޭގެ ރަނގަޅު ޔުނިވާސިޓީތަކުގައި ވެސް ހިންގާ ފެންވަރުގެ ޕްރޮގްރާމްތަކެއްކަން ކަށަވަރުކުރުމާއި އެ ފެންވަރު ދެމެހެއްޓުމެވެ.
މިގޮތުން ޑރ. ނަޖީބު އިތުރަށް ވިދާޅުވީ ތައުލީމާއި ސީދާ ގުޅުންހުރި ވަސީލަތްތައް ގާއިމުކުރުމާއި، ދަރިވަރުންގެ ދުޅަހެޔޮކަމާއި ގުޅޭ ވަސީލަތްތައް ގާއިމުކުރުމާއި، ކިޔަވައިދެއްވާ ބޭފުޅުންނާއި ކިޔަވައިދެވޭ ކޮންޓެންޓްގެ ފެންވަރު ހިފެހެއްޓުމަކީ ވިލާ ކޮލެޖުން އެންމެ ސަމާލުކަން ދެއްވާ ކަންތައް ކަމަށެވެ.
މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އިންޖިނިއަރިން ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ ޕޯޓްސްމޯތް ޔުނިވާސީޓީއިން ވެލިޑޭޓް ކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ.
މި ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއިން ޕޯޓްސްމޯތް ޔުނިވާސީޓީއަށް ގޮސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވާސިޓީގެ ޑިގްރީގެ ފަހު އަހަރުގައި ބައިވެރިވެވޭނެ އެވެ. އަދި ދެއަހަރު ނިންމާ ދަރިވަރުންނަށް އެ ޔުނިވާސިޓީގެ 3 ވަނަ އަހަރުގައި ބައިވެރިވެވޭނެ އެވެ.
މީގެއިތުރުން މާސްޓާ އޮފް ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމަކީ މެލޭޝިއާގެ ސައިބަޖާޔާ ޔުނިވާސިޓީގެ ޕްރޮގްރާމެކެވެ. މާސްކޮމިއުނިކޭޝަން، ކަލިނަރީ މެނޭޖްމަންޓް، އަދި ހޮސްޕިޓަލިޓީ މެނޭޖްމަންޓް ގެ ދާއިރާއިން ހުޅުފާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރާގައި ޓެއިލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތައް ހިމެނިފައިފާ އިރު، ޔުނިވަސިޓީ އޮފް ވެސްޓް އޮފް ދި އިންގްލޭންޑްގެ ޑިގްރީ ފެންވަރާއި މާސްޓާސް ފެންވަރުގެ ޖުމްލަ 15 ޕްރޮގްރާމް ހިމެނިފައިވެ އެވެ.
ޓެއިލާސް ޔުނިވަރިސިޓީގެ ޕްރޮގްރާމްތަކަކީ ވެސް ދަރިވަރުން ބޭނުންވެއްޖެ ހިނދެއްގަ ޕްރޮގްރާމްގެ ބައެއް ވިލާ ކޮލެޖުގައި ފުރިހަމަ ކުރުމަށް ފަހު ބާކީ ބައި މެލޭޝިއާގެ ޓެއިލާސް ޔުނިވާސިޓީގައި ފުރިހަމަ ކުރެވޭނެ އިންތިޒާމް ހަމަޖަހިފައިވާ ޕްރޮގްރާމް ތަކެއް ކަމަށް ވިލާއިން ބުނެ އެވެ.
މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ގައުމީ ސެޓްފިކެޓް 4 ގެ އެއް ކޯހަކާއި ސެޓްފިކެޓް 3 ގެ 10 ކޯހަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ނޭޝަނަލް ސެޓްފިކެޓް ތިން ކޯހުގެ ތެރޭގައި ހައުސްކީޕިން، ރިޒަވޭޝަން އެންޑް ޓިކެޓިން، ވޯޓާ ސްޕޯޓްސް، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، ލައިފްގާޑިން، މެނޭޖްމަންޓް، އެއާޕޯޓް ރެޕްރެޒެންޓޭޓިވް ސާވިސަސް، ކެޝިއަރިން، ޓުއާ ގައިޑިން، އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް ހިމެނެ އެވެ. އަދި ގައުމީ ސެޓްފިކެޓް 4 ގައި ހިމެނެނީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް އެވެ.
ސެޕްޓެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިން ،ޓީޗިން، ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއްވެސް އޮންލައިންކޮށް ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.
ވިލާ ކޮލެޖުގެ ކޯސްތައް މާލޭގައި ހުންނަ ކިއުއައި. ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކުރިއަށް ދާނެ އެވެ.
ވިލާ ކޮލެޖުގެ ކޯސްތަކަށް ފީ ދެއްކުމުގެ ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެންދާނެ އެވެ. އަދި، ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެ އެވެ.
ވިލާ ކޮލެޖު ވަނީ އެންމެ ފުޅާދާއިރާއެއްގައި ދުނިޔޭގެ ޔުނިވާސީޓި ތަކުގެ ފެންވަރު ވަޒަން ކުރާ އެއް ސިސްޓަމް ކަމަށްވާ ކިއުއެސް ރޭޓިގްގައި އެކްސެލެންސަށް ރޭޓް ކުރެވި ތިން ދާއިރާއަކުން ފަސް ތަރީގެ ދަރަޖައިގައި ރޭޓް ކުރެވިފަ އެވެ.
އޭގެ ތެރޭގައި އެމްޕްލޯޔަބިލިޓީ، އޮންލައި ލާނިން އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް ހިމެނެ އެވެ. ވިލާ ކޮލެޖަކީ ކިއުއެސް ރޭޓިންގައި ރޭޓް ކުރެވިފައިވާ ރާއްޖޭގެ ހަމައެކަނި އިންސްޓިޓިއުޓެވެ.













