މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު (އާރްޓީއައި) ގެ ގާނޫނަށް ހުށަހަޅާ އިސްލާހު މައުލޫމާތު ހޯދަން ހުރަސް ނޭޅޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ އާރްޓީއައި ގާނޫނު އުވާލުމުގެ އެއްވެސް ވިސްނުމެއް އަދި މަޝްވަރާއެއް ވެސް ކުރިއަށް ނުދާ ކަމަށާއި އެ ގާނޫނަށް ހުށަހަޅާ އިސްލާހުން މައުލޫމާތު ހޯދަން ހުރަސް ނޭޅޭނެ ކަމަށެވެ. އެ ގާނޫނު އިސްލާހުކުރަން ނިންމީ ގާނޫނުގައި ބައެއްކަހަލަ މުއްދަތުތައް ހުރިގޮތުންނާއި ބައެއްކަހަލަ އިޖުރާއަތްތައް ހުރިގޮތުން ދިމާވާ ދަތިތަކަށް ހައްލު ގެނައުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
"މި ގެންނަނީ ބޮޑެތި އިސްލާހުތަކެއް ނޫން. މައުލޫމާތު ހޯދުމަށް ހުރަސްއެޅޭކަހަލުގެ އިސްލާހެއް އަޅުގަނޑުމެން އެ ގާނޫނަކަށް ގެންނާކަށް ގަސްތެއް ނުކުރަން،" އުޝާމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރި ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މި ބިލު ހުށަހަޅަން ނިންމާފައި މިވަނީ ރައީސް އޮފީހުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުނުކުރާ މައްސަލަ ރަސްމީކޮށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވެފައި ވަނިކޮށެވެ.














