މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރަމުން އަންނަ އާސަހަރާގެ މިސްކިތާއި ހިނަވާގެ މަރާމާތު ކުރަން ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ މަޝްރޫއު އެންމެފަހުން އަންނަ އޮގަސްޓުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މެއި 2023, އިން ފެށިގެން ބަންދުކޮށްފައި ހުންނަ އާސަހަރާ ނިމުމަކާ ގާތްވެފައި މިވަނީ ތިން ކޮންޓްރެކްޓަރުން އެ މަޝްރޫއުއާ ހަވާލުވުމަށް ފަހު އެވެ.
އެ މަސައްކަތް ފަށާފައިވަނީ ޑިޒައިން މަރުހަލާގެ ކުރެހުންތައް އެއްކޮށް ނިމުމުގެ ކުރިން ކަމަށް އާޒިމް މިއަދު ވިދާޅުވި އެވެ. މަސައްކަތް ކުރިއަށްދިޔަ ވަރަކަށް ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން ކޮންޓްރެކްޓަރަށް ވެސް އުނދަގޫތަކާ ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.
އާސަހަރާ ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކުރި ދެ މަރުހަލާއަކަށް ބަހައިގެން ކަމަށާއި ފުރަތަމަ އިމާރާތުގެ އޮނިގަނޑުގެ މަސައްކަތް ހަވާލުކުރި ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ މަސައްކަތް އެ ކުންފުންޏަށް ނުކުރެވިގެން ދެވަނަ ފަރާތަކާ ވެސް ހަވާލުކުރި އެވެ.
އޮނިގަނޑުގެ މަސައްކަތް ނިންމުމަށް ފަހު ތިންވަނަ ކޮންޓްރެކްޓަރަކަށް ދާން ޖެހުނީ ފިނިޝިން މަސައްކަތްތައް ނިންމުމަަށް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓަށް ބޮޑު ހަރަދެއް ހިނގައިފި. ފުރަތަމަ ކޮންޓްރެކްޓަރަށް މަސައްކަތް ނެގިއިރު ގާތްގަނޑަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދީފައި. ދެވަނަ ކޮންޓްރެކްޓަރަށް ފަސް މިލިއަން ރުފިޔާ ހަރަދުވެފައި މިވަނީ. މިހާރު ފިނިޝިން މަސައްކަތަށް 2.7 މިލިއަނަށް ހިނގަމުން ދަނީ," މޭޔަރު ވިދާޅުވި އެވެ.
ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި މިހާރު ހުރި މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނިމޭއިރު އެ މިސްކިތް ވެސް ހުންނާނީ އެއާކޯން ކޮށްފައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު މި އުންމީދު މިކުރަނީ އެންމެ ލަސްވެގެން އޮގަސްޓުގެ ނިޔަލަށް މުޅި މަސައްކަތް ނިންމާ ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތް ހަދަން."
މި މަސައްކަތަކީ ސިޓީ ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މަޝްރޫއަށް ކައުންސިލުން ފާސްކުރި ބަޖެޓަކީ 4.9 މިލިއަން ރުފިޔާ އެވެ. މޭޔަރު މިއަދު ވިދާޅުވި ގޮތުން އާސަހަރާގެ ކަންކަން ނިންމުމަށް 9.7 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.












