މަގޭ ސާފު ރާއްޖޭގެ ދަށުން ކުނި އުކާލާ އިތުރު 30 ވެހިކަލް ޖަޕާނު ސަރުކާރުން ދީފި އެވެ.
ވެމްކޯގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިން މި ވެހިކަލްތައް ކައުންސިލްތަކާ ހަވާލުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
މި ރަސްމިއްޔާތުގައި ތޯރިގު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޖަޕާނު ސަރުކާރުގެ އެހީގައި ކުނި މެނޭޖުކުރަން ބޭނުންވާ އާލާތްތައް 25 ރަށަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަގޭ ސާފު ޕްރޮގްރާމުގެ ދަށުން މިދިޔަ ފެބްރުއަރީގައި 48 ރަށަކަށް ކުނި އުކާލާ ވެހިކަލް ވަނީ ހަވާލުކޮށްފަ އެވެ. މިއާއެކު ޖަޕާނުގެ އެހީގައި ޖުމްލަ 78 ކުނި އުކާލާ ވެހިކަލް ވަނީ ރަށްރަށަށް ފޯރުކޮށްދީފަ އެވެ.
ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ ވެހިކަލްތަކަކީ އެ ގައުމުގައި އުފައްދައިގެން ރާއްޖެއަށް ގެނައި ވެހިކަލްތަކެވެ.

ޖަޕާނު ސަރުކާރުން އަންނަނީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ގިނަ އެހީތައް ވަމުންނެވެ. އަދި މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރި އިރު ވެސް ޖަޕާނުގެ އެހީ ލިބުނެވެ.












