ޗައިނާ ސަރުކާރަށް ސިޔާސީ ލަފާދޭ ކޮންފަރެންސް, ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ)ގެ އިސް ލީޑަރަކު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
ރާއްޖެއަށް ވަޑައިގެންފައި ވަނީ ސީޕީޕީސީސީގެ ވައިސް ޗެއާމަން ބަޓީ އެވެ. އެ ކޮންފަރެންސްގައި ޖުމްލަ 23 ވައިސް ޗެއާމަނުން ހިމެނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބަޓީ ވިދާޅުވީ ރަސްމީ ދަތުރެއްގައި ކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ.
ނާޒިމްގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިން ވެސް ވަނީ ހުޅުލެއިން ބަޓީއަށް މަރުހަބާ ދަންނަވާފަ އެވެ.
ސީޕީޕީސީސީ އަކީ ޗައިނާގެ ސަރުކާރަށް ސިޔާސީ ގޮތުން ލަފާދޭ އެންމެ މަތީ ކޮންފަރެންސެވެ. މި ކޮންފަރެންސުގެ މެންބަރުންގެ ގޮތުގައި ސިޔާސީންގެ އިތުރުން އެކި ސިނާއަތްތަކުގެ މާހިރުން ވެސް ހިމެނެ އެވެ. އެގޮތުން ގައުމުގެ އެކި ސިޔާސަތުތައް ކަނޑައެޅުމުގައި ސީޕީޕީސީސީ އިން އެކްސްޕާޓު އޮޕީނިއަން ތައް ސަރުކާރަށް އަރުވަ އެވެ.













