އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެގްމޮންޓް ގްރޫޕް) ގެ މެންބަރުކަން ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިއްޖެ އެވެ.
ރާއްޖެއަށް އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ލިބުނީ މިދިޔަ ހަފްތާގައި ފްރާންސްގެ ޕެރިސްގައި ބޭއްވި އެ ގްރޫޕުގެ 30 ވަނަ އަހަރީ ބައްދަލުވުމުގަ އެވެ.
މި ޖަމިއްޔާއަކީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމް ފައިނޭންސިން އަދި ކުށް ކުރެވޭ އެހެނިހެން މާލީ ކުށްތަކާ ބެހޭ މައުލޫމާތު، ދޭދޭ ގައުމުތަކުގެ މެދުގައި ހަރުދަނާ ކުރުމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވޯކެއް ގާއިމު ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބުނީ އެގްމޮންޓު ގްރޫޕުގެ މެންބަރަކަށް ވުމަށް އެފްއައިޔޫއން އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 2017 ގައި ކަމަށާއި އެކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ސްޕޮންސަރުންގެ ގޮތުގައި މަސައްކަތް ކޮށްދިނީ ބަންގްލަދޭޝްއާއި ސްރީލަންކާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކަމަށެވެ.
"އެގްމޮންޓް ގްރޫޕުގެ މެންބަރަކަށް ވުމުން، އެ ގްރޫޕުގެ މެންބަރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ އިތުރުން، ފަންނީ ތަފާތު އެހީތެރިކަން ހޯދުމާއި އަދި އެގްމޮންޓް ގްރޫޕުގެ ތަފާތު މުހިއްމު ޕްރޮޖެކްޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިގެންދާނެ،" އެމްއެމްއޭ ބުންޏެވެ.

އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ލިބުމަކީ، މަނީ ލޯންޑްރިން އަދި ޓެރެރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް އެމްއެމްއޭއިން އަދި ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަމުންދާ މުހިއްމު މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެމްއެމްއޭ ބުނެ އެވެ.
އެގްމޮންޓުގެ މެންބަރުކަން ހޯދުމުގެ މަސައްކަތުގައި ރާއްޖެއަށް އެހީވި ރާއްޖޭގެ އިދާރާތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް އެމްއެމްއޭއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.













