ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން (އައިއާރްއައި) އިން ކުރިއަށްގެންދާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރްއައި) ކޮންފަރެންސް އިއްޔެ ފަށައިފި އެވެ. މި ކޮންފަރެންސަކީ 2016 އިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގެ މަގްސަދަކީ ދިރާސާކުރާ ފަރާތްތަކާއި، ދަރިވަރުންނާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށް އެމީހުންގެ ދިރާސާގެ ހޯދުންތައް ހުށަހަޅައި އެކި ކަންކަމާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމެ ޕްލެޓްފޯމެއް ފަހިކޮށްދިނުން ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
މި ކޮންފަރަންސް ހުޅުވުމުގެ ރަސްމީޔާތުގައި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ, ރިސާޗް އެންޑް އިނޮވޭޝަން, ޑރ. މުހައްމަދް އާދިލް ވިދާޅުވީ މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން އައު މިސްރާބުތަކާ ބެހޭގޮތުން ހަރުދަނާ މަޝްވަރާތަކާއި، އިޖްތިމާއީ، އިލްމާއި ތަރައްގީގެ ދާއިރާތަކުގައި އާ އުސޫލުތައް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން އަކީ ވިލާ ކޮލެޖުގެ ކަލަންޑަރުގައި ބާއްވާ މުހިންމު އެއް އިވެންޓެއް. މިއީ މިހާރު ދިވެހި ރާއްކޭގެ އެކަޑަމިކް ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި، ދިރާސާވެރިންގެ މެދުގައި އަހަރަކު އެއްފަހަރު ބާއްވާ ވަރަށް ފާހަގަކޮށްލެވޭ އިވެންޓެއް،" ވިލާ ކޮލެޖުގެ ރެކްޓާ، ޑރ. އަހްމަދް އަންވަރު ބުންޏެވެ.

ވިލާ ކޮލެޖުގެ އަށް ވަނަ އައިސީއެސްއާރުއައި ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު

މި ކޮންފަރެންސްގެ މި އަހަރުގެ ތީމްއަކަށް "އިނޮވޭޝަންސް ފޯ ސަސްޓެއިނެބިލިޓީ: ފޯޖިން ދަ ޕާތު އަހެޑް" ކަމަށް ކަނޑައަޅާފައިވާއިރު، އެ ތީމްގެ ދަށުން 53 ޕޭޕަރެއް ހުށަހަޅާނެ އެވެ. ކޮންފަރެންސަށް އެ ޕޭޕަރުތައް ހުށަހަޅާނީ އަށް ދާއިރާއަކަށް ބަހާލައިގެންނެވެ.
އެއީ ޕޮލިސީ، ލޯ އެންޑް ގަވަނަންސް، އެންޓްރަޕްރެނާޝިޕް، ފައިނޭންސް އެންޑް އިންޑަސްޓްރީ، އެންވަޔަރަމަންޓް، ސަސްޓެއިނެބިލިޓީ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރައިޓްސް، ޖެންޑާ އެންޑް ސޮސައިޓީ، އެޑިޔުކޭޝަން، ލެންގުއޭޖް އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ހެލްތު، ނާސިން އެންޑް ސޯޝަލް ވޯކް، ސައިކޮލޮޖީ، ލައިފްސްޓައިލް އެންޑް ވެލް ބީން އަދި އިންޖިނިއަރިން، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން އެވެ.
ކޮންފަރަސްގައި ހުށަހެޅި 53 ޕޭޕަރެއްގެ އިތުރުން "އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް" މި ތީމާ ގުޅޭ 5 ޕެނަލް ޑިސްކަޝަންގެ އަދި 4 ބޭފުޅަކު ކީ ނޯޓް ސްޕީޗް ވެސް ދެއްވާނެއެވެ.













