ބައިނަލްއަގުވާމީ ގޮތުން މާދަމާ ފާހަގަކުރާ ކަނޑުގެ ދުވަސް ފާހަގަކުރަން ފިޝަރީޒް މިނިސްޓްރީން މިއަދު ކުރިއަށް ގެންދާ މަސް ރޭހުގައި ވަޒީރުންގެ ޓީމުން ބައިވެރިނުވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
މިއަދުގެ މަސްރޭހުގެ މައުލޫމާތު ހިއްސާކުރަމުން ފިޝަރީޒް މިނިސްޓްރީގެ މީޑިއާ ޓީމުން ފުރަތަމަ ބުނީ، އެ ރޭހުގައި ބައިވެރިވަނީ "ކެބިނެޓްގެ ވަޒީރުންގެ ޓީމާއި އެހެނިހެން މުއައްސަސާތަކުގެ ޓީމުތައް،" ކަމަށެވެ.
ނަމަވެސް ފަހުން އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ވަޒީރުންގެ ޓީމް މަސްރޭހުގައި ބައިވެރިނުވާ،" ވާހަކަ މީޑިއާ ގްރޫޕާ ހިއްސާކުރައްވައިފަ އެެވެ.
މިނިސްޓްރީން މިހެން ބުނީ މިއަދުގެ މަސްރޭހުގައި ބައިވެރިވާ ކަމަށް ބުނި ވަޒީރުންގެ ޓީމުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެއް ނުވާ ކަމަށް މި ނޫހުން ޝާއިއު ކުރި ހަބަރެއްގައި ބުނި ފަހުންނެވެ. އެހެން ގްރޫޕުތަކުގެ ފޮޓޯ އަދި މަސްރޭސް ކުރިއަށްދާ ގޮތުގެ ފޮޓޯތައް މިނިސްޓްރީން ގެންދަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރަމުންނެވެ.
މި މަސްރޭހުގައި ބައިވެރިވާ ޓީމުތަކުން މިހާރު މަހަށް ފުރާފައިވާއިރު އެނބުރި އަންނާނީ މިރޭ 9:30 ގައި ހުޅުމާލެ ލަކުޑި ޖެޓީއަށެވެ. މިނިސްޓްރީން ބުނާ ގޮތުގައި މިއަދުގެ ރޭހުގައި 29 ޓީމަކުން ޖުމްލަ 377 މީހުން ބައިވެރިވާނެ އެވެ.














