މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގާތްގަނޑަކަށް 211 މިލިއަން ރުފިޔާއަށް ހުޅުމާލެއިން 43،401 އަކަފޫޓުގެ ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަތުން ގަނެފި އެވެ.
ހުޅުމާލޭގެ ބިންތައް އޮންނަނީ އެޗްޑީސީގެ މިލްކުވެރިކަމުގަ އެވެ. ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އޮފީސްތައް އަޅަން ހުޅުމާލޭން ބިން ހޯދަނީ އެޗްޑީސީއަށް އޭގެ އަގަށްވާ ފައިސާ ދީގެނެވެ.
އެމްއެމްއޭން 43،401 އަކަފޫޓުގެ ބިމެއް ގަތް ކަން އެނގުނީ ސިވިލް ކޯޓުން ބިމުގެ މިލްކުވެރިކަން ބަދަލުކޮށްފައިވާ ކަން ކަނޑައަޅައި އިއްޔެ ކުރި ހުކުމަކުންނެވެ.
އެމްއެމްއޭއިން ހުޅުމާލޭގެ ބިމެއް މީގެ ކުރިން ގަތެވެ. އެއީ މި ފަހުން ގަތް ބިމާ ޖެހިގެން އޮތް ބިމެވެ. އޭރު ވެސް ގަތީ 211 މިލިއަން ރުފިޔާ އެޗްޑީސީއަށް ދީފައި 43،401 އަކަފޫޓުގެ ބިމެކެވެ. އެހެންކަމުން ޖުމުލަ 86,802 އަކަފޫޓުގެ ބޮޑު ބިމެއް އެމްއެމްއޭން މި ވަނީ ހޯދައިފަ އެވެ.
ހުޅުމާލޭގެ ދެ ބިމެއް ހިމެނޭ ގޮތަށް ބޮޑު ބިމެއް އެމްއެމްއޭން ގަތީ އެ އިދާރާގެ އޮފީސް ހުޅުމާލެއަށް ބަދަލު ކުރަން ވެގެނެވެ.

މިއީ މިހާރު އެމްއެމްއޭ އިމާރާތް ހުންނަ ސަރަހައްދު ކާރޫބާރޫ ބޮޑު ކަމުންނާއި އެހެން އިމާރާތަކާ އިން ވެގެން ހުންނާތީ، ސެކިއުރިޓީ އިންތިޒާމުތައް ހަމަޖައްސަން ދަތިވާތީ ކުރާ ކަމެއް ކަމަށް އެ އިދާރާއިން ކުރިން ބުނެފައިވެ އެވެ.
އެމްއެމްއޭން ގަތް ބިން އޮންނަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ސެންޓްރަލް ޕާކުގެ ހުޅަނގަށް ވާގޮތަށް، ކޭ ޕާކު ފްލެޓުތަކާ ޖެހިގެންނެވެ.
މިހާރު ބޭނުންކުރަނީ އެ އިދާރާ އުފެދުނީއްސުރެން ބޭނުންކުރަމުން އައި މަޖީދީ ބިލްޑިން ތަޅާލުމަށް ފަހު އެޅި އިމާރާތަކެވެ. މި އިމާރާތް ބޭނުންކުރަން ފެށީ 2008 ގަ އެވެ.













