އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުގެ ތެރެއިން މޫދުގައި އުޅެނިކޮށް މިޔަރެއްގެ ހަމަލާއިން ޒަހަމްވެ އިއްޔެ ނިޔާވި ކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި، އޭނާގެ އުފަށް ރަށް ރ. އުނގޫފާރުގައި މިއަދު ބާއްވައިފި އެވެ.
ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު، އުނގޫފާރު އިސްލާމީ މަރުކަޒުގަ އެވެ.
ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ޝަރީފާއި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޖަނާޒާއަށް ފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ގައުމީ ދިދަ، ކޯޕްރަލް މުހައްމަދު ޒައިދާންގެ އާއިލާއާ ވަނީ ހަވާލުކުރި އެވެ.
ޒައިދާނަށް މިޔަރެއްގެ ހަމަލާ އަމާޒުވީ ލ. މާވަށް ކައިރީ މޫދުގައި އުޅެނިކޮށެވެ. ޒަހަމްވުމުން އިތުރު ފަރުވާއަށް ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ރޭ 8:40 ހާއިރެވެ. އޭނާގެ އުމުރުން 23 އަހަރެވެ.













