އެމްއެންޑީއެފްގެ ތަމްރީނުތަކެއް ފުރިހަމަ ކުރުމަށް ލ. މާވަށް ކައިރިއަށް މޫދަށް އެރި އުޅެނިކޮށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ސިފައިންގެ މީހަކު މަރުވެއްޖެ އެވެ.
މީޑިއާތަކަށް އެމްއެންޑީއެފުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިޔަރު ހަމަލާގެ ސަބަބުން މަރުވެފައި ވަނީ ލާންސްކޯޕްރަލް، މުހައްމަދު ޒައިދާން, 23, ކަމަށެވެ. އޭނާ މަރުވެފައި ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިރޭ 8:40 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުގެ މެސެޖުގައި ބުނެފައިވެ އެވެ.
ޒައިދާން އަކީ މިވަގުތު ލ. ކައްދޫގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ތަމްރީނު ކޯހެއްގެ ބައިވެރި އެކެވެ. ޒައިދާންއަށް ލިބުނު ޒަހަމުގެ ތަފުސީލެއް އެމްއެންޑީއެފުން އާންމެއް ނުކުރެ އެވެ.
މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ސިފައިންގެ މީހަކު މިރޭ މަރުވެފައިވާއިރު، މީގެ އެއް އަހަރު ކުރިން މާލެ ކައިރިއަށް ފުޅި އަޅައިގެން ފީނި މީހަކަށް ވެސް ވަނީ މިޔަރެއް ހަމަލާދީފަ އެވެ.
އޭނާއަށް މިޔަރު ހަމަލާދިނީ އޭތީގެ ބޮލުގައި އޮޅިފައި އޮތް އެއްޗެއް ނައްޓަން އުޅުމުގެ ސަބަބުންނެވެ.














