ހާފިޒުކަމުގެ އިމްތިހާނުގެ ކުރިން މުރާޖާކުރަން މާލެ އަންނަން ނުޖެހޭ ގޮތަށް "ހާފިޒުން އިމްތިހާނުކުރުމުގެ އުސޫލު" ބަދަލުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު ގެޒެޓުކޮށްފައިވާ ހާފިޒުން އިމްތިހާނުކުރުމުގެ އައު ގަވާއިދުގައި ވާގޮތުން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގައި ރަޖިސްޓްރީކޮށްގެން ހިންގާ ގުރުއާން ހިތުދަސްކޮށްދޭ ކްލާހެއްގައި އުޅޭ ދަރިވަރަކު ހާފިޒުކަމުގެ އިމްތިހާނުކޮށްދިނުމަށް އެދި، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒަށް ނުވަތަ އެ މަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހެޅުމުން އެ ދަރިވަރަކު އިމްތިހާނު ކޮށްދޭނެ އެވެ.
ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގައި ރަޖިސްޓްރީނުކޮށް ހިންގާ ކްލާސްތަކުގެ ދަރިވަރުންނާއި އަމިއްލަގޮތުން ގުރުއާން ހިތުދަސްކޮށްގެން ވެސް ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވެވޭނެ އެވެ.
ނަމަވެސް، އެ ދަރިވަރުގެ ކިބައިގައި ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވުމުގެ ފެންވަރު ހުރިކަން ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާ ފަރާތަކަށް ކިޔައިދޭން ޖެހޭނެ އެވެ. އަދި އެ މަރުކަޒުގައި ދަފްތަރުކޮށްފައިވާ ހާފިޒެއްގެ ފަރާތުން ދަރިވަރުގެ ކިބައިގައި ހާފިޒުކަމުގެ ފެންވަރު ހުރިކަން އަންގައިދޭ ލިޔުމެއް ބޭނުންވާނެ އެވެ.
އެގޮތުން ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމާއެކު، ގުރުއާނާ ބެހޭ މަރުކަޒުން ނުވަތަ އެ މަރުކަޒުގެ ކޮމިޓީއިން އެ ދަރިވަރުގެ އިމްތިހާނު އޮންނަ ދުވަސް ކަނޑައަޅާނެ އެވެ.

ހާފިޒުން އިމްތިހާނުކުރާ އުސޫލަށް ގެނެވުނު ބަދަލާއި ގުޅިގެން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވީ، ރަށްރަށުގައި ތިބެ ގުރުއާން ދަސްކޮށްގެން ހަމައެކަނި އިމްތިހާނަށް މާލެ އަންނަ ގޮތަށް އަދި އިލްސާމިކް ޔުނިވާސިޓީގައި ގުރުއާން ދަސްކޮށް، އެތަނުން އިމްތިހާނު ހަދާ ދަރިވަރުން އިތުރު އިމްތިހާނަކާ ނުލައި ހާފިޒުންގެ ގޮތުގައި ބަލައިގަތުމަކީ ދަރުވަރުންނަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ.
"ކުރިން އޮންނަނީ މުރާޖާ ކުރަން ވެސް މާލެ އަންނަ ގޮތަށް. މި ގެނެވުނު ބަދަލުން ވަރަށް ބޮޑު ލުއިފަސޭހަތަކެއް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އައު އުސޫލުގެ ދަށުން ހާފިޒުކަމުގެ އިމްތިހާނުން ދަރިވަރު ފާސްވެފައިވާނަމަ 30 ދުވަހުގެ ތެރޭގައި އެ ދަރިވަރެއްގެ ނަން ހާފިޒުންގެ ދަފްތަރުގައި ހިމަނަންޖެހޭނެ އެވެ. އަދި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް އެކަން އަންގަން ޖެހޭނެ އެވެ.
އައު އުސޫލު ގެޒެޓުކުރި ތާރީހުން ފެށިގެން އޭޕްރީލް 25، 2021 ގައި ގެޒެޓުގައި ޝާއިއުކުރި "ހާފިޒުން އިމްތިހާނުކުރުމުގެ އުސޫލު" ބާތިލުވާނެ އެވެ.












