ދިފާއީ ގުޅުން ބަދެހިކުރުމަށްޓަކައި އެހެން ގައުމެއްގައި ސިފައިން ރާއްޖޭގެ ފަސްގަނޑުގައި ތިބެން ނުޖެހޭކަމަށް ދިފާއީ ވަޒީރު މުހައްމަދު ގައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.
އިއްޔެ ސިންގަޕޫރުގައި ބޭއްވި "ޝަންގްރިއްލާ ޑައިލޮގް" ގައި ގައްސާން ވިދާޅުވީ އެހެން ގައުމުތަކާއިއެކު ދިފާއީ ގުޅުން ބަދެހިކުރުމަށް ރާއްޖެއިން އިސްކަންދިން ނަމަވެސް، އެއީ އެ ގައުމުތަކުގެ ސިފައިންނަށް ދާއިމީކޮށް ރާއްޖޭގެ ފަސްގަނޑުގައި ތިބުމުގެ ފުރުސަތު ލިބެންޖެހޭ ކަމެއް ނޫން ކަަމަށެވެ. ރާއްޖޭގެ މި ނިންމުމަށް އެހެން ގައުމުތަކުން އިހުތިރާމުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދީފާއީ ގޮތުން އެހެން ގައުމަކާ ގުޅުން ބަދަހިކުރުމުގެ ތެރޭގަ އެއްގޮތަކަށްވެސް ނުހިމެނޭ ބޭރު ސިފައިންނަށް ދާއިމީކޮށް ރާއްޖޭގެ ފަސްގަނޑުގަ ތިބުމުގެ ފުރުސަތު ދިނުމެއް،"ގައްސާން ވިދާޅުވި އެވެ.
ރާއްޖެ ފަދަ ކުދި ގައުމުތަކުގެ މިނިވަންކަމާއި ސަލާމަތީ ކަންކަން ކަށަވަރުކޮށްދެއްނީ ބައިނައްލަގުވާމީ ގާނޫނޫތަކުން ކަމަށާއި އެހެން ނަމަސް ފަހަކަށް އައިސް ބައެއް ބޮޑެތި ގައުމުތަކުން އެ ގާނޫނުތަކާއި އުސޫލުތަކަށް އަމަލުނުކުރާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން ކުދި ގައުމުތަށް ދިފާއީ ގޮތުން ބަލިކަށިވެ، އަމިއްލަ މިނިވަންކަން ކަށަވަރުކުރުމަށް ބޮޑެތި ގައުމުތަކާއިއެކު ދިފާއީ ގުޅުން އުފައްދަންޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރާއްޖެ ކަހަލަ ކުދި ގައުމުތަކުން މިނިވަންކަން ކަށަވަރުކުރަނީ ބައިނައްލަގުވާމީ ގާނޫނުތަކުގެ އެހީގަ. ނަމަވެސް، ހިތާމައަކީ ފަހަކަށް އައިސް ބައެއް ގައުމުތަކުން އެ ގާނޫނަށް އަމަލުނުކުރާކަން،" ގައްސާނު ވިދާޅުވި އެވެ.

ރާއްޖެއަކީ އަބަދުވެސް ބައިނައްލަގުވާމީ ގާނޫނުތަކަށް އަމަލުކުރާނެ ގައުމެއްކަމުގެ ޔަގީންކަންދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި އެހެން ގައުމުތަކާއި ގުޅުން ބަދެހިކުރަންޖެހޭކަމަށެވެ. އަދި އެއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒުކަަމަށް ވެސް ވިދާޅުވި އެވެ.
ޑޯނިއާ މަތިންދާ ބޯއްޓާއި ހެލިކޮޕްޓަރު އޮޕަރޭޓުކުރުމަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފައިބާފައިވާ ކަމަށް މެއި 9، ގައި ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.












