ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން ނޮލެޖް އެންޑް އިނޮވޭޝަން އެކްސްޗޭންޖް (ޖީޕީއީ ކިކްސް) ގެ ނެޝަނަލް އަޕްޓޭކް ފޯރަމް މިއަދު ވިލާ ކޮލެޖުގައި ބާއްވައިފި އެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ވިލާ ކޮލެޖު ގުޅިގެން ބޭއްވި މި ފޯރަމްއަކީ އެކި ހޯދުންތަކާ ގުޅޭ މަޝްވަރާތައް ކުރުމަށްފަހު، އެ ހޯދުންތަކާ ގުޅޭ ދިރާސާ ކުރުމަށް މާލީ އެހީތެރިކަން ހޯދުމެވެ.
ފޯރަމް ހުޅުވައިދިނުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވީ މި ފޯރަމުން ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ދެނެގަންނަން ފަސޭހަވެގެންދާ ކަމަށާއި، ގެންނަން ޖެހޭ ބަދަލުތަކަށް މައުލޫމާތު ވެސް އެއްކުރެވިގެންދާ ކަމަށެވެ.

ކިކްސް މޯލްޑިވްސް ނެޝަނަލް އަޕްޓޭކް ފޯރަމްގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު
ފޯރަމްގައި ވަނީ ގައުމުތަކުގައި ކޮށްފައިވާ ދިރާސާތަކުގެ މައުލޫމާތު ހިއްސާކޮށް، ދީފައިވާ ފަންޑުތަކާ ބެހޭ މައުލޫމާތު ވެސް ދީފަ އެވެ. އަދި ފަންޑުދޭ މިންގަނޑުތައް ވެސް ވަނީ ކިޔައިދީފަ އެވެ.

އެއް ދުވަހުގެ މި ފޯރަމްގައި އެޑިއުކޭޝަން މިނިސްޓްރީ، ޕްރައިވެޓް އެޑިއުކޭޝަން އިންސްޓިޓިއުޝަންސް އަދި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ 50 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.
އެ ބައިވެރިން ވަނީ ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ އެ މައްސަލަތަކަށް ހައްލު ގެންނާނެ ގޮތާ ގުޅޭ ދިރާސާތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކާމެދު ވަނީ މަޝްވަރާ ކޮށްފަ އެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ޖީޕީއީއަކީ ތައުލީމީ ދާއިރާގައި ހުރި އެކި މައްސަލަތަކަށް ހައްލު ހޯދުމަށް ދިރާސާކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.












