ސަރުކާރުގެ މަސް ގަންނަ ކުންފުނި, މިފްކޯއަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދައްކަމުންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ފައިސާ ނުދެއްކި، ފުނިޖެހިފައިވާ ބިލްތަކުގެ ޖުމުލަ 62 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދައްކައި ހަލާސްކުރީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށެވެ. އޭޕްރީލް 22, ނިޔަލަށް މަސްވެރިންނަށް ދޭން ޖެހި ނުދެވި ހުރި 22 މިލިއަން ރުފިޔާ އެ ދުވަހު ވަނީ ހަލާސްކޮށްފަ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒު މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އޭޕްރީލް 23 އިން ފެށިގެން އިއްޔެ އާ ހަމައަށް މަސްވެރިންނަށް ދައްކަން ޖެހިފައިވާ ފައިސާގެ އަދަދު 62 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އެ ފައިސާ ދެއްކޭނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑުމެން އުންމީދު މިކުރަނީ ވީހާ ވެސް އަވަހަކަށް، މި މަސް ނިމޭތީއާއެކީގައި މިފްކޯއަށް ވެސް މާލީ ގޮތުން ހުންނާނެ އުނދަގުލެއް. އެކަމަކު އަޅުގަނޑު އުއްމީދުކުރަނީ ވީހާ ވެސް އަވަހަކަށް މި ފައިސާ މަސްވެރިންނަށް ދައްކައި ހަލާސް ކުރެވޭނެ ކަމަށް،" މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދުމަށް މިފްކޯ އާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި "މާލީ ގޮތުން ނޭވާ ލާނެ ގޮތްތައް" ހޯދަން ފިނޭންސް މިނިސްޓަރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ އޭގައި އަލި މަގެއް ލިބޭނެކަން. ލިބިއްޖެ ކަމަށް ވަންޏާމު މިފްކޯއަށް ވެސް ހަމަ އެ ލުއި ލިބިގެން އެ ދިޔައީ. މިފްކޯއަށް ދައުލަތުން ދޭންޖެހޭ ސަބްސިޑީ ދިނުމުގައި ވެސް ތަންކޮޅެއް ފަސޭހަ ވެގެންދާނެ. އޭރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވެސް ދިނުމުގައި ތަންކޮޅެއް ފަސޭހަ ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު މިހާތަނަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސް ގަންނަމުންދިޔަ އަގަކީ ކިލޯއަކަށް 25ރ. އެވެ. އޭގެ ސަބަބުން މަސްވެރިންނަށް ފައިސާ ދިނުމަށް ދަތިތަކާ ދިމާވެ ފައިސާ ދިނުން ލަސްވުމުގެ ސަބަބުން މަސްވެރިން އިހުތިޖާޖު ވެސް ކުރި އެވެ.
ފެބްރުއަރީގެ ތެރޭގައި ކޫއްޑޫގެ އޮޕަރޭޝަންތައް ވެސް މަަސްވެރިންގެ މުޒާހަރާގެ ތެރެއިން އެމީހުންގެ ބެލުމުގެ ދަށަށް ގެނަ އެވެ. އެ މުޒާހަރާ ނިމުމަކަށް ގެނައީ ދޭން ޖެހޭ ފައިސާގެ ތެރެއިން ބޮޑު އިންސައްތައެއް ޖަމާކުރުމުންނެވެ.
މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން މަހުގެ އަގު 20ރ. އަށް ވެސް ކުޑަކޮށްފަ އެވެ. މި ސަރުކާރުގެ ވައުދަކީ މަސް ކިރުމަށް ފަހު ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި އޭގެ ފައިސާ ދެއްކުމެވެ.












