ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރު އެމެރިކާގެ ކެރީބިއަންގައި އޮންނަ އެންޓިގުއާ އެންޑް ބާބިއުޑާއަށް ރޭ ފުރާވަޑައިގެންފި އެވެ.
ރައީސްއާއެކު ބާބިއުޑާއަށް ފުރާވަޑައިގެންނެވި ވަފުދުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން, އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަަޒުލް ރަޝީދާއި ކްލައިމެޓް ޗޭންޖު އެންވޯއި އަލީ ޝަރީފާއި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖު އަލީ ނަސީރު އަދި ޕްރޮޓޮކޯލް ހެޑް މުހައްމަދު ޝަހުދީ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން ބުނީ މެއި، 27 ގައި ބާއްވާ މި ސަމިޓްގެ ޕްލީނަރީ ސެޝަންގައި ރާއްޖޭގެ ގައުމީ ބަޔާން ރައީސް މުއިއްޒު އިއްވެވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ގައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.
އދ އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވަ އެވެ. އަދި އެ މަނިކުފާނަކީ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯޗެއާ އެވެ.
އދ. ގެ 37 ގައުމު ގައިވާ މި ކޮންފަރެންސަކީ ކޮންމެ 10 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސަކަށް ވާއިރު، ކޮންފަރެންސްގައި ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް ވެސް އެކަށައަޅާނެ އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ގައުމުތައް އެކުލެވޭ ޖަމާއަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިޔަށްގެންގޮސްފަ އެވެ.













