ހުޅުލޭގައި ހިންގާ ސީޕްލޭން ޓާމިނަލް ކައިރި އޮތް ފުލްމޫން ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާއަށް ބަދަލު ކުރުމުގެ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެއަޕޯޓު ތަރައްގީ ކުރުމުގެ ތިން ވަނަ ފޭސް އިފުތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލު ކުރަން ނިންމި ވާހަކަ ޖެނުއަރީ، 2024، ގައި އިއުލާނު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ދުވަހު ދައްކާލި ކުރެހުމުގައި ޓާމިނަލް ބަދަލުކޮށްފައި އޮތީ ފުލް މޫންއަށެވެ.
އެ މަސައްކަތާ ބެހޭ އިތުރު ތަފުސީލެއް އޭގެ ފަހުން ސަރުކާރުން ހާމަ ނުކުރި ނަމަވެސް ޕީއެސްއެމް އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ ޓާމިނަލް ބަދަލު ކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިހާރުގެ ސީޕްލޭން ޓާމިނަލް ހިއްކުމަށްފަހު އަޅާނީ ޖެޓު ޓާމިނަލެއް ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ހިންގާ ޓާމިނަލް ބަދަލުވާނީ ޖެޓް ޓާމިނަލަކަށް، އެތަނުގެ މޫދު ހިއްކާފައި، އެތަނުގައި އަޅާނީ ޑޮމެސްޓިކް ޓާމިނަލް، އެހެންވީމަ ސީޕްލޭން ޓާމިނަލް ބަދަލުކުރާނީ ފުލްމޫން ރިސޯޓަށް. މިކަމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދަނީ،" ސައީދު ވިދާޅުވި އެވެ.
ސީޕްލޭން ޓާމިނަލް ފުލް މޫންއަށް ބަދަލު ކުރަން ނިންމިކަން އިއުލާނު ކުރި ނަމަވެސް އޭގެ ފަހުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ބުނެފައި ވަނީ އެ ޓާމިނަލް ބަދަލު ކުރާނެ ރަށެއް އެއިރު ސަރުކާރުން ނިންމާފައިނުވާ ކަމަށެވެ.

"ސީޕްލޭން އޮޕްރޭޝަންސް ބަދަލުކުރާނެ ތަނެއްގެ ފައިނަލް ޑިސިޝަންއެއް ނުނަގާ. ރައީސް އިއުލާން ކުރެއްވި ކޮންސެޕްޓްގެ ދަށުން ސީޕްލޭން އޮޕަރޭޝަން ބަދަލުކުރާނެ. އެއާއިއެކު މިހާރުގެ ސީޕްލޭން ޓާމިނަލް ބަދަލުވެގެންދާނީ އެހެން ހިދުމަތެއްދޭ ތަނަކަށް،" އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު ޖެނުއަރީގައި ވިދާޅުވި އެވެ.
އެއާޕޯޓު ތަރައްގީ ކުރުމުގެ ތިން ވަނަ ފޭސް އިފުތިތާހު ކުރުމަށް ޖެނުއަރީ 4، ގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސީޕްލޭން ޓާމިނަލް ބަދަލު ކުރުމުން އެއާޕޯޓުގެ މަސައްކަތް "ބާރު ސްޕީޑުގައި" ކުރިއަށްދާނެ ކަމަށެވެ.
"އެހެންވީމާ، މި އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މި ޕްލޭންގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މި މަސައްކަތް ކުރުމުގައި ކޮންމެހެން ފުރަތަމަ ފަށަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ. އެއީ، ސީ ޕްލޭން ޓާމިނަލް، އެ ބަދަލުކުރަންޖެހޭ ބަދަލުކުރުން. ސީ ޕްލޭން ޓާމިނަލް އެހެން ތާކަށް ބަދަލުކުރުމުގެ މަގުފަހިކުރެވިގެން ދިޔައިމަ، އަޅުގަނޑުމެންނަށް މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެ،" ރައީސް ވިދާޅުވި އެވެ.
އޮކްޓޯބަރު، 2022، ގައި ހުޅުވި ނޫވިލު ސީޕްލޭން ޓާމިނަލަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލެވެ. އެ ޓާމިނަލުގެ ބޮޑުމިނުގައި 28،000 އަކަމީޓަރު ހުންނައިރު، ޓާމިނަލުގައި ހުންނަ އެމްއާރުއޯ ފެސިލިޓީގެ ބޮޑުމިނަކީ 8،836 އަކަމީޓަރެވެ.
އެ ސީޕްލޭން ޓާމިނަލްގައި 100 އަކަމީޓަރުގެ ވީވީއައިޕީ ސެކްޝަނެއް ވެސް ހުރެ އެވެ. މީގެ އިތުރުން ނޫވިލު ސީޕްލޭން ޓާމިނަލްގައި ޖުމްލަ 42 ލައުންޖު ހުންނައިރު، 40 ލައުންޖު ވަނީ ރިސޯޓްތަކަށް ކުއްޔަށް ދީފަ އެވެ. ކުއްޔަށް ދޫނުކުރާ ދެ ލައުންޖު ހިންގަނީ އެމްއޭސީއެލް އިންނެވެ. އެމްއޭސީއެލްގެ "ވިލު" ބިޒްނަސް ލައުންޖުގައި 235 ގޮނޑި އަދި "ނީރޫ" ލައުންޖުގައި 315 ގޮނޑި ހުރެ އެވެ.
ނޫވިލު ސީޕްލޭން ޓާމިނަލްގެ ތަރައްގީގެ މަޝްރޫއުގެ އަގަކީ 55 މިލިއަން ޑޮލަރެވެ. އެ ސީޕްލޭން ޓާމިނަލްގެ ފަރުމާއަށް ވަނީ 2022 ވަނަ އަހަރު ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑް ފޯ އިންޖިއަރިން (އީއެންއާރު) އެވޯޑު ވެސް ލިބިފަ އެވެ.











