މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި، ނަމެއް ދޭން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވީ މާލޭގައި ނަން ނުކިޔާ ދެ މަގުން ކުރެ އެއް މަގަށް ނުވަތަ އެހެން މަގަކަށް ނަމަވެސް ފަލަސްތީނުގެ ނަމާ ގުޅުވައި ނަމެއް ދިނުމާމެދު ކައުންސިލް މެމްބަރުން ދެކިވަޑައިގަންނަވާ ގޮތެއް ބެލުމަށެވެ.
މިއީ ހިޔާލެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެ މަގަށް "ފަލަސްތީން ހިނގުން" ނުވަތަ ފަލަސްތީނާ ގުޅުވައި އެހެން ނަމެއް ވެސް ދެވިދާނެ ކަމަށައި، ފަލަސްތީނަކީ ދިވެހިންގެ ހިތްތަކާ ވަރަށް ގުޅިފައިވާ ތަނެއް ކަމަށެވެ.
މިގޮތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެއް މެމްބަރު ފިޔަވައި، އެހެން ހުރިހާ މެމްބަރުން ވަނީ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދޭން ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
މިކަމާ ގުޅިގެން ކައުންސިލް މެމްބަރު ސައިފް ފާތިހު ވިދާޅުވީ ފަލަސްތީނުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ރާއްޖެއިން އޮތް ހިތްވަރު ދިނުމުގެ ގޮތުން މިއީ ވަރަށް މުނާސަބަތު ވަގުތެއް ކަމަށް ދެކޭ ކަމަށެވެ.

އާޒިމް ވިދާޅުވީ މަގަށް ކިޔާނެ ސީދާ ނަމާއި، ހުރިހާ ތަފްސީލެއް މެމްބަރުންނާ ހިއްސާ ކުރާނެ ކަމަށާއި، މަގު ހުޅުވުމަށް ރަސްމިއްޔާތެއް ވެސް ބާއްވާނެ ކަމަށެވެ.












