ވިލާ ކޮލެޖުގެ މެއި އިންޓޭކުގެ ސެޓިފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓާ ފެންވަރުގެ ކޯސްތަކަށް 1،000 އަށް ވުރެ ގިނަ ދަރިވަރުން ގުޅިއްޖެ އެވެ.
އެ ކޮލެޖުން ބުނީ އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ހަފުތާ މެއި 19 އިން ފެށިގެން މެއި 25 އަށް ކުރިއަށްގެންދާނެ ކަމަށެވެ.
އޮރިއެންޓޭޝަން ސެޝަންތަކުން ކޮލެޖަށް އަލަށް ވަންނަ ދަރިވަރުންނަށް ތައުލީމީ އެކި އުކުޅުތަކާއި، ވިލާ ކޮލެޖުގައި ދަރިވަރުންނަށް ފޯރުކޮށްދޭ ވަސީލަތްތަކުގެ މައުލޫމާތާއި، ކޮލެޖުގެ އެކި އިޖުރާއަތްތަކާއި އަދި ކެމްޕަސްގައި ހުރި އެކިއެކި ވަސީލަތްތަކަށް އަހުލުވެރިކުރުވާނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.
އޮރިއެންޓޭޝަން ސެޝަންގައި އެ ކޮލެޖުގެ ރެކްޓަ ޑރ. އަހްމަދު އަންވަރު ވަނީ އުނގެނުމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ، ތައުލީމު އުނގެނުމުގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމަށް އަލިއަޅުއްވާފަ އެވެ.

ވިލާ ކޮލެޖުގެ މެއި އިންޓޭކުގެ އޮރިއެންޓޭޝަން ހަފްތާ ފެށުން -- ފޮޓޯ: ވިލާ ކޮލެޖު

އަލަށް ގުޅުނު ދަރިވަރުން ކިޔަވާ ޕްރޮގްރާމްތަކުގެ ތެރޭގައި ސީދާ ވިލާ ކޮލެޖުން ހިންގާ ކޯސްތަކާއި ވިލާ ކޮލެޖާއި ޔުނިވާސިޓީ އޮފް ވެސްޓް އިންގްލަންޑް، ޓޭލާސް ޔުނިވާސިޓީ އަދި ޔުނިވާސިޓީ އޮފް ސައިބަޖާޔާއާ ގުޅިގެން ހިންގާ ކޯސްތައް ހިމެނެ އެވެ.
މި ސެމިސްޓާގައި، ވިލާ ކޮލެޖުގައި އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި މާސްޓާ އޮފް ކްލިނިކަލް ސައިކޮލޮޖީ، މާސްޓާ އޮފް އިންޖިނިއަރިން (އިލެކްޓްރޯނިކްސް)، މާސްޓާ އޮފް އިންޖިނިއަރިން (އިލެކްޓްރިކަލް)، މާސްޓާ އޮފް އިންޖިނިއަރިން (މެކޭނިކަލް)، މާސްޓާ އޮފް އިންޖިނިއަރިން (މެކަޓްރޯނިކްސް)، މާސްޓާ އޮފް އިންޖިނިއަރިން (ކޮމްޕިޔުޓިން)، ބެޗެލާ އޮފް ސިވިލް އިންޖިނިއަރިން (އޮނާސް) އަދި ސެޓިފިކެޓް 3 އިން ކަލިނަރީ އާޓްސް ހިމެނެ އެވެ.












