ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި, މޫސުން އަދިވެސް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މިރޭ މުޅި ރާއްޖެއަށް ީނދޫ ސަމާލު ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ނެރުނު އެލާޓްގައިވާ ގޮތުން މެންދަމު 1:00އާ ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބޯކޮށް ވާރޭވެހި ވައި ބާރުވާނެ ކަަަމަށް ލަފާކުރެވެ އެެވެ.
އާއްމު ގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ އިރު, ވިލާގަނޑުގައި ގަޑިއަކު 50 މޭލާށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރާގައި, ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ކުރިން ބުނެފަ އެވެ.
"ކުރިއަށް އޮތް ތިންދުވަސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ. ބުރާސްފަތި ދުވަހަށް ފަހަށް މުސުން ކިރިއާވެސް ރަނގަޅުވާނެ ކަމަށް ބެލެވެނީ،" މީޓިއޮރޮލޮޖިސްޓް ހުސެއިން ވިދާޅުވި އެވެ.

ދެކުނުގައި އައްޑޫ ކައިރީ ކޮޅިގަނޑެއް އުފެދިފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ކޮޅިގަނޑު ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާ ކަމަށާއި، ދެކުނަށް އެހާ ވައިގަދައީ ކޮޅިގަނޑުގެ ސަބަބުން ކަމަށެވެ.












