ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު "އަދަދު" އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް ވައިގަދަވާނެ ކަމަށާއި، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ކަމަށެވެ.
ރާއްޖެއަށް 24 ގަޑިއިރު ތެރޭގައި 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެގެން ދާނެ ކަމަށާއި، އަދި ކަނޑުތައް ގަދަވާނެ ކަމަށް ހުސެއިން ވަހީދު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތިންދުވަސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ. ބުރާސްފަތި ދުވަހަށް ފަހަށް މުސުން ކިރިއާވެސް ރަނގަޅުވާނެ ކަމަށް ބެލެވެނީ،" ހުސެއިން ވަހީދު ބުންޏެވެ.
ދެކުނުގައި އައްޑޫ ކައިރީ ކޮޅިގަނޑެއް އުފެދިފައިވާކަން ފާހަގަކުރައްވާ ހުސެއިން ވަހީދު ވިދާޅުވީ އެ ކޮޅިގަނޑު ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާ ކަމަށާއި، ދެކުނަށް އެހާ ވައިގަދައީ ކޮޅިގަނޑުގެ ސަބަބުން ކަމަށެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު، މޫސުން އެހާ ބޮޑަށް ގޯސްވެފައި ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުން ކަމަށް މެޓް އޮފީހުން ބުނެ އެވެ. ހުޅަނގު މޫސުން ދެމިގެން ދަނީ ނޮވެމްބަރާ ހަމައަށެވެ.
މެޓް އޮފީހުން ވަނީ މެންދުރު 2:30 ގެ ނިޔަލަށް ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރީނދޫ އެލާޓް ނެރެފަ އެވެ. އަދި 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހި، 50 މޭލަށް ވައި ގަދަވާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.
މީގެއިތުރުން ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.













