ކ. މާފުށީ ގޮނޑުދޮށުގައި އެހެލައިފައި އޮތް ލޯންޗެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ މި ލޯންޗުގައި ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:34 ހާއިރު، މާފުށީ ފަޔާ ސްޓޭޝަނަށް ކަމަށެވެ.
އެމްއެންޑީއެފްގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ދިޔަތާ މާ ގިނަ އިރުތަކެއް ނުވަނީސް، ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ އެވެ. މައުލޫމާތު ލިބެނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ.
އެހެން ނަމަވެސް ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ސިފައިން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ލޯންޗުގެ ގެގަނޑުގެ ބޮޑު ބަޔަކަށް ގެއްލުންވެފައިވެ އެވެ.












