ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވެފައި ވާތީ ރޭގަނޑު ކަނޑުދަތުރުފަތުރު ނުކުރަން އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެ ހިމެނޭ ސަރަހަށްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ފަސްދުވަހު ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ބުނެފަ އެވެ.
މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓް ނެރެފަ އެވެ.
މި ވިއްސާރައާ ގުޅިގެން އެމްއެންޑީއެފުން ނެރުނު އިލްތިމާސްގެ މެސެޖުގައި ބުނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން އިލްތިމާސްކުރާ ކަމަށެވެ.
އަދި، "ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުުރު ފަސްކޮށްލުމަށް ވެސް،" އިލްތިމާސްކުރާ ކަމަށް ބުނެފައިވެ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މޫސުން ގޯސްއިރު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައިވެ އެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބައެއް ހާދިސާތައް ވެސް ހިނގި އެވެ.
އިއްޔެ ހެނދުނު ތިލަފުށިން ފުރައިގެން މ. އަތޮޅަށް ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.













