ދިވެހިރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ފަތުރުވެރި ކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެއް ގޮންޖެހުމަކީ ކަލިނަރީ އާޓްސް ދާއިރާގައި ދިވެހީންނަށް ވަޒީފާ ފުރުސަތު ހަނިވުމެވެ. އެ ދާއިރާއަށް ޝައުގުވެރިވާ އަދި ކުރިއަށްދާން ބޭނުންވާ ގިނަ ބަޔަކު ތިބިއިރު، އެ މީހުންނަށް ކުރިއަށް ދާން އޮތް ހުރަހަކީ މަދުރަސީ ތައުލީމުގެ ތެރެއިން އެކެޑަމިކް ރަނގަޅު ފެންވަރެއްގެ ސެޓްފިކެޓެއް ނެތުމެވެ.
ވިލާ ކޮލެޖްއިން މިވަނީ މި ދެންނެވި ޖީސީއީ އޭލެވަލް ނުވަތަ އޯލެވަލްއިން ރަނގަޅު ނަތީޖާއެއް ނެތް ކުދިންނަށް އެކަމުގެ ހައްލެއް ހޯދައި ދީފަ އެވެ. އެ ކޮލެޖްއިން އޭޕްރީލް މަހު ތައާރަޕު ކުރި ޕްރޮގްރާމުތަކުގެ ތެރެއިން ފާހަގަ ކޮއްލެވޭ ޕްރޮގްރާމަކީ ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް އެވެ.
އެ ޕްރޮގްރާމް އަކީ ކަލްނަރީ ދާއިރާ އަށް އަލަން ވަނުމައް ޝައުރުވެރިވާ ފަރާތްތަކަށް ހުޅުވިގެން ދާނެ ފަހި ދޮރެކެވެ. ހަމަ އެންމެ ހަ މަސްދުވަސް ތެރޭ ފުރިހަމަ ކުރެވޭ މިކޯހަކީ ގްރޭޑް ހަތެއް ނިންމާފައި ތިބި ކޮންމެ ދަރިވަރަކަށް ބައިވެރިވެވޭ ޕްރޮގްރާމެކެވެ.
ސެޓްފިކެޓް ލެވަލް 3 އިން ކަލިނަރީ އާޓްސް ފުރިހަމަ ކުރުމަށްފަހު ދާއިރާއިން އެއް އަހަރުގެ ފައުންޑޭޝަން ކޯހެއް ހެދުމުގެ ފުރުސަތު ލިބެ އެވެ. އަދި އެ ސެޓްފިކެޓާއެކު ދާއިރާއިން، ވިލާ ކޮލެޖުން ހިންގާ މެލޭޝިޔާގެ ޔުނިވާސިޓީ ކަމަށްވާ ޓެއިލާސް ޔުނިވާސިޓީގެ ބެޗްލާ އޮފް ކަލިނަރީ މެނޭޖްމަންޓް (އޮނާސް) ޑިގްރީ ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބެ އެވެ.
މި ޕްރޮގުރާމް ފަރުމާކުރެވިފައި ވަނީ ކްލާސްރޫމުގެ ކިޔަވައިދިނުމުގެ ތެރެއިން ލިބިގެންދާ މުހިންމު މައުލޫމާތުގެ އިތުރުން ކަލިނަރީ އާޓްސް ޕްރޮގްރާމުގެ މޮޑިއުލްތައް ކިޔަވައިދިނުމަށް ހާއްސަ ކުރެވިފައިވާ މާހައުލުގެ ތެރެއިން އަމަލީ ތަޖުރިބާވެސް ލިބިގެންދާނޭގޮތަކަށެވެ. އަދި، ކޯހުގައި ކިޔަވައިދޭނީ ކަލިނަރީ އާޓްސް ދާއިރާއިން އެންމެ ތަޖުރިބާކާރު، އިލްމުވެރި ލެކްޗަރާއިންނެވެ.

ކޯސް ފުރިހަމަކުރާ ދަރިވަރުންނަން ދަސްވެގެންދާނެ މުހިންމު ކަންތައްތައް:
- ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަން.
- ރައްކާތެރިކަމާ ތާޒާކަމާއެކު ކާބޯތަކެތި ތައްޔާރުކުރާނެގޮތް.
- ތަފާތު މުޖުތަމައުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާގޮތަށް، އެކިބާވަތްބާވަތުގެ ކާބޯތަކެތި، ތައްޔާރުކުރަން
- ކެއްކުމުގެ ތަފާތު އުކުޅުތައް.
- މީހުން ގަޔާވާގޮތަށް ކާބޯތަކެތި ތައްޔާރުކޮށް އެ ހިދުމަތް ފޯރުކޮށްދިނުން.
ވިލާ ކޮލެޖުން ބުނީ މި ކޯހުގެ ސަބަބުން ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތަށް ފައިދާތަކެއް ކުރާނެ ކަމަށާއި، ދާއިރާއިން އިތުރު ދިވެހިންނަށް ވަޒީފާތަކެއް ލިބުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.












