އަހަރެއްގެ މައްޗަށް ބަޖެޓު ކުރާ ފައިސާއަށްވުރެ އިތުރަށް ކޮންމެ އަހަރަކު ވެސް ހޭދަކުރަން ޖެހޭތީ މާލީ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ އާސަންދަ ހެލްތު އިންޝުއަރެންސް ސްކީމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ކުރި ހަރަދު ފަސް ޕަސެންޓުން އިތުރުވެއްޖެ އެވެ.
އާސަންދައިން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 838 މިލިއަން ރުފިޔާ ވަނީ އެ ސްކީމަށް ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާސަންދައަށް ހަރަދުކުރީ 799 މިލިއަން ރުފިޔާ އެވެ. މިއީ 4.8 ޕަސެންޓު އިތުރު އަދަދެކެވެ.
ހަރަދު އިތުރުވިއިރު އާސަންދަ ބޭނުންކުރި މީހުންގެ އަދަދު ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ. އެގޮތުން, 276،439 މީހުން އާސަންދަ ހެލްތު އިންޝުއަރެންސް ފުރަތަމަ ކުއާޓަރުގައި ހޯދިއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 3,005 މީހުން އިތުރު އަދަދެކެވެ.
އޭގެ ތެރޭގައި އިމަޖެންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް 1,599 މީހުން ގެންދިޔައިރު ފަރުވާއަށް ރާއްޖެއިން ބޭރަށް 1,691 މީހުން ގެންދިޔަ އެވެ.

އާސަންދައަށް މިއަހަރު 1.99 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާއިރު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކަނީ އާސަންދައަށް 581 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.
އެ އަދަދު އާސަންދައިން ހިއްސާކުރި ތަފާސްހިސާބުތަކާ ދިމާނުވަނީ ބިލުތައް ފިނޭންސް މިނިސްޓްރީއަށް އާސަންދައިން ޕޯސްޓު ކޮށްފައި ނުވާތީ ކަމަށް ބެލެވެ އެވެ.
ދައުލަތުގެ ހަރަދުތަކުގެ މައްޗަށް އަލިއަޅުވާލާ ވޯލްޑު ބޭންކުން މާޗު، 2022 ގައި އާންމުކުރި ޕަބްލިކް އެކްސްޕެންޑިޗާ ރިވިއުގައި ފާހަކޮށްފައިވާ ގޮތުގައި 2014 އިން 2019 އަށް ހިނގި ފަސް އަހަރުގެ ތެރޭގައި އެ ސްކީމަށް ކުރާ ހަރަދު އަންނަނީ އަހަރަކު އެވަރެޖުކޮށް 18 ޕަސެންޓުން އިތުރުވަމުންނެވެ.
"[އާސަންދައިގެ]އިސްރާފު ވަރަށް ބޮޑު. އާސަންދައަށް ކުރެވޭ ބަޖެޓު އަހަރުން އަހަރަށް ޑަބަލްވަމުން އެ ދަނީ. އެއް ބިލިއަން ބަޖެޓު ކުރާ ހަރަދު ދެ ބިލިއަން އެބަދޭ. ދެ ބިލިއަން ބަޖެޓު ކޮށްފައި ހަތަރު ބިލިއަނަށް ހަރަދުތައް އަރައިގެން އެބަދޭ," ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެފައިވެ އެވެ.
އާސަންދައިގެ އިސްރާފު ކުޑަކުރުމަށް މިހާތަނަށް ސަރުކާރުން ފިޔަވަޅެެއް އަޅާފައިނުވާއިރު އެ ސްކީމުގެ ހަރަދުތައް އިތުރުވާނެ އާ ހިދުމަތްތަކެއް ވަނީ އިތުރުކޮށްފަ އެވެ.
އޭގެ ތެރޭގައި, ހެލްތު ޗެކަޕް ހެދުމާއި, އައިވީއެފް ފަރުވާ ހިމެނެ އެވެ. ހަމައެހެންމެ, އިންޑިއާ ނޫން އެހެން ގައުމުތަކަށް ވެސް އާސަންދަ ސްކީމް ފުޅާކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އާސަންދަ ސްކީމުގެ އެންމެ ބޮޑު މައްސަލައަކީ ބަޖެޓު ކުރާ އަދަދަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހޭ މައްސަލަ އެވެ. މިކަން ހައްލުކުރަން އާސަންދައަށް މިވީ ދަހަރެއްގެ ތެެރޭގައި ރިފޯމް މަސައްކަތްތަކެއް ކުރަން ފެށި ނަމަވެސް މިއަދާ ހަމައަށް ވެސް މި މައްސަލަ ހައްލު ނުވެ އެވެ.
އާސަންދަ ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ މިހާރު އޮތް ގޮތް ބަދަލުކޮށް، ހަގީގީ އިންޝުއަރެންސް ސްކީމެއް ގޮތަށް ކޯ-ޕޭމަންޓް ނިޒާމަކަށް ގޮސްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި އާސަންދަ ކުންފުނިން ބުނެފައިވެ އެވެ.
މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހެޅިއިރު އާސަންދައިގެ ނިޒާމުން ކުރާ ހޭދަ ވެސް ޓާގެޓިން ސަބްސިޑީ ނިޒާމާ ގުޅުވާލައި، މެޑިކަލް ކޮންސިއުމަބަލްސް ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ހޯދުމަށް ހިމަނާފައި އޮތެވެ.
މިއީ ކުރަން އުނދަގޫ ކަމެއް ނަމަވެސް ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރި ހިރާސްތައް ކުޑަކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި ތަންފީޒުކުރަން މަރުކަޒީ ބޭންކް, އެމްއެމްއޭއިން ވެސް ލަފާދީފައިވެ އެވެ.











