މި ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއެކު އިކޮނޮމިކް މިނިސްޓްރީން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގެ ދަށުން އިފާޒްއިން ތަރައްގީކުރަނީ ކ. ފުނަދޫގައި ތަރައްގީކުރާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އެވެ.
މިކަމަށް ޓަކައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި އިފްޒާގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މާޓިން ޕިޓާސަން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެމްއޯޔޫއާއެކު ގިނަވެގެން ފަސް މަސް ދުވަހުގެ ތެރޭގައި އިފްޒާއާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެއާއެކުގައި އެއްބަސްވުމުގެ ތެރެއިން އުތުރާއި ފުނަދޫގައި ފައިނޭންޝަލް ސެންޓަރު ބިލްޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެގޮތުން އެ މަސައްކަތަށް ފުނަދޫ ހާއްސަ ކުރުމުގެ ގޮތުން މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އިން އެސްޓީއޯއާއެކު ފަށާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އެސްޓީއޯއިން އެ ފިއުލް ފާމު ބަދަލުކުރަނީ ކ. މާގިރިފަޅަށެވެ.
ސައީދު ވިދާޅުވީ ފައިނޭންޝަލް ސެންޓަރަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ފެށޭނީ އޭރުން ކަމަށެވެ. އަދި އެ މަސައްކަތާއި، މި ޕްރޮޖެކްޓުގެ ތެރެއިން ތަރައްގީކުރާ ފުނަދޫ-މާލެ-ހުޅުލޭ-ހުޅުމާލޭ ގުޅުވައިދޭ ބްރިޖުތަކުގެ މަސައްކަތް މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ހުރިހާ މަސައްކަތަކަށް ފައިސާ ހަރަދުކުރާނީ އިފާޒްއިންނެވެ. އަދި އިހަވަންދިއްޕޮޅު މަޝްރޫއަށް އިފްޒާއިން އިންވެސްޓަރުން ގެނައުމާއި އިންވެސްޓްމަންޓު ފައިނޭންސްގެ މަސައްކަތް ކުރާނީ ވެސް އެ ކުންފުނިންނެވެ.











