އިސް ވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ޝާއިރިއްޔަތަކީ އެކުވެރިންނާއި ވާދަވެރިންގެ ވެސް ތައުރީފު އޮހޭ މަސައްކަތްތަކެކެވެ. ސިޔާސީ ގޮތުން ކިތަންމެ ހަރަކާތްތެރިޔަސް، ޅެންވެރިކަމުގެ މަސައްކަތް އޭނާ ދުލެއް ނުކުރައްވަ އެވެ.
"އަރަފާގެ ނަސޭތް" މި ނަމުގައި ސޯޝަލް މީޑިއާއަށް މިއަދު ދޫކޮށްލެވި ޅެމަކީ އެފަދަ މަސައްކަތެކެވެ. މުޅި ޅެމުގައި އޮތީ ވާދަވެރިންނަށް ދެއްވާ އަގުހުރި ނަސޭހަތްތަކެކެވެ. ހާއްސަ ގޮތެއްގައި އެއީ ކުރިން އެކުގައި އުޅުނު ބަޔަކަށް ދެއްވާ ނަސޭހަތްތަކެއްކަން ބައިތުތަކުން މާ ސާފުކޮށް އެނގެ އެވެ.
ފުރަތަމަ ނަސޭހަތެއްގެ ގޮތުގައި ފުރަތަމަ ބައިތުގައި ލިއުއްވާފައި އޮތީ ފިތުނަ އުފައްދާ މީހާގެ އަމިއްލަ ނަފުސަށް ލިބޭ ނަފުސާނީ ގެއްލުމުން ސަލާމަތް ވުމަށް ގޮވައިލެއްވި ގޮވައިލުމެކެވެ.
"އޭ އަޚާ ފިތުނައިގެ ހޫނުން ހިތް އެކީ ފިއްސައިނުލާ
އޭގެ ހޫނުން ތިޔަ މެޔާ ފިތް ގަސްދުގައި ވިރުވައިނުލާ"
މި ބައިތުގައި ބަޔާންކުރައްވާފައި އެވަނީ ފިތުނަ އުފައްދާ ނަމަ އެކަން ކުރާ މީހެއްގެ އަމިއްލަ ނަފުސަށް ވާނެ ގެއްލުމެވެ. އެއީ ހިތުގެ އަޑިން އެމީހަކަށް ހަމަޖެހުން ނުލިބި އުފެދޭ ހޫނުކަމެވެ. ނަތީޖާއަކީ އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުން ނަމަ ހިތް އެކީ ފިއްސައިލުން ނުވަތަ ހިތް މޮޅިވުމެވެ. ގޮވައިލެއްވީ އެކަން އެގޮތަށް ނުކުރުމަށެވެ. އެގޮތުގައި ކުރިއަށް ދާ ނަމަ އޮތީ މެޔާއި ފިތް ވެސް ފިތުނައިގެ ހޫނުން ވިރުވައިލުމެވެ.
މި ބައިތުން ލިބޭ ނުސީދާ މެސެޖަކީ ފިތުނަ އުފައްދާ މީހުންނަށް އެކަމުގެ ސަބަބުން އެމީހާގެ އަމިއްލަ ނަފުސަށް ލިބޭނެ ގެއްލުން ފިޔަވައި ހާސިލުވާނެ އެހެން ކަމެއް ނެތް ކަމެވެ.

ސިޔާސީ ގޮތުން އޭނާ އެހާ ވެސް ބާރުވެރި އެވެ. ދެވަނަ ބައިތުގައި ވިދާޅުވެފައި އޮތީ ވެސް އެ ބާރުވެރިކަމުގެ ވާހަކައެކެވެ. ބާރުވެރިކަން އޮތީ ފުރޮޅިފައި ކަމާއި އެހެނެކޭ ކިޔާފައި "މިތުރުންގެ ޝަރަފާ ގަދަރު ވެއްޔާ މޮޑެ" އަގު ވައްޓާލައިގެން ނުވާނެ ވާހަކަ އެވެ. މި ބައިތުގައި ޔާރުނާ މިތުރުންގެ ގަދަރު ވެއްޔާ މޮޑެނުލާން ގޮވާލައްވައިފައި އޮތުމުން، އެ ދައްކަވަނީ އެކުވެރިންތަކެއްގެ އަތުގައި އޮތް ބާރުވެރިކަމެއް އެހެން އެކުވެރިއަކަށް ފުރޮޅިގެންދާ ހާލަތެއްގެ ވާހަކަ އެވެ.
ސިޔާސީ ގޮތުން މާނަކުރާ ނަމަ އެއީ ޔަގީނުން ވެސް އެމްޑީޕީގެ ލީޑަޝިޕެއް ނޫނެވެ. އަބްދުއްރަހީމްގެ ޔާރުނާ މިތުރުން އެޕާޓީގެ މަތިފަޑިއަކު ނެތެވެ. މި ބައިތައް އެންމެ ރަނގަަޅަށް ފެތެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަރިސް ބޭފުޅުންނެވެ.
"ބާރުވެރިކަން ފުރޮޅިގެންދާ ދިއުމުގައި ހިތްދަތި ވިޔަސް
ޔާރުނާ މިތުރުންގެ ޝަރަފާ ގަދަރު ވެއްޔާ މޮޑެނުލާ"
ބާރުވެރިކަން ފުރޮޅުމުން އަގުވައްޓައިނުލަން ގޮވައިލެއްވުމާ އެކު ޖެހިގެން އޮތް ބައިތުގައި ނަސޭހަތް ދެއްވާފައި އޮތީ "މީހަކަށް މޮޅު ކަމެއް ލިބުމުން އެކަމުގެ ނީހައިގައި މުޅި ހަޔާތް ބަރުބާދު ނުކުރުމަށެވެ.
"މީހަކަށް ލިބުނަސް މޮޅެއް އެކަމާއި މެދު ކަންބޮޑުވެގެން
ނީހައިން އުފެދޭ ގިނީގައި މުޅި ހަޔާތް އަންދައިނުލާ"
ދެން އޮތީ "ގަދަކަން ދައްކަން އުޅޭ" ވާދަވެރިންނަށް އޮތް އިންޒާރެކެވެ. އެކަމުން ކަމެއް ހާސިލުވާނެތޯ ސުވާލުކުރެއްވުމާ އެކު އިންޒާރުކުރެއްވީ ގަދަބަސް ބުނުމުގައި ހަކަތަ ހުސްކޮށް ނުލުމަށެވެ. މާދަމާ ވާނެ ގޮތެއް އެނގެނީ ކާކަށްތޯ ސުވާލުކުރައްވައި އެއާ އެކު ސިފަކުރެއްވީ ބައެއް މީހުން ތިބި ގޮތެވެ. އަބްދުއްރަހީމް ވިދާޅުވާ ގޮތުން ނަމަ އެތައް ބަޔަކު ތިބީ "ކިބުރުގެ ވަގޮށްތައް މޮހެނުލައި އެ ވިސްނުމުގައި ބެދިފަ" އެވެ.
"ގަދަކަމުން ހާސިލުވެވޭނޭ ކޮން ކަމެއްތަ އޮތީ މިތާ
ގަދަ ބަހުން ބަސްބުނުމުގައި ހުރިހައި ހަކަތަ ދޫކޮށްނުލާ
.......................................................
މާދަމާ ކަންވާނެ ގޮތް ކާކަށްތަ އެނގެނީ ދޭހުގައި
ހާދަ ބައެކޭ އެތިބެނީ ކިބުރުގެ ވަގޮށްތައް މޮހެނުލާ
ނަސޭހަތުގެ ހާރު ގައްތަވައި ދެކޮޅު ގުޅުއްވައިލައްވަމުން ވިދާޅުވީ ދުނިޔޭގެ ގާނޫނަށް ތަބާވެ، ކުރެވެން ނެތް ކަންތައްތަކާ އުޅުން ހުއްޓައިލަން [ތެޔޮގުޅާ ސާދާކުރުން] ހުއްޓައިލަންވީ ކަމަށެވެ. އެއީ އިހުލާސްތެރި ނަސޭހަތެއް ކަމަށް ވިދާޅުވެ، ހަނދާން ނައްތައިނުލަން ފަހު ބައިތުގައި އެދިވަޑައިގެންފައި އޮތެވެ.












