އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޮވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދުކުރައްވާ ކެންޑިޑޭޓުން ކަމަށާއި ޕާޓީއަށް ނިސްބަތްވިޔަސް އިތުރު ކެންޑިޑޭޓުންނާ ދެމެދު ވިސްނުމެއް ނުގެންގުޅޭ ކަމަށް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ކެމްޕޭނުގެ އަދާހަމަތައް ނޫސްވެރިންނާ ހިއްސާކުރުމަށް މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ހީނާ ވަނީ ސަރުކާރުގެ ކެންޑިޑޭޓުން އެ ބޭފުޅުންނަށް ވަރަށް ސާފު ކަމަށާއި ހުރިހާ ދާއިރާއެއްގައި ވެސް ސަރުކާރުގެ ކެންޑިޑޭޓުން ތިބޭނެ ކަމަށެވެ.
"ސަރުކާރު" ކެންޑިޑޭޓުންގެ ތެރޭގައި ޕީއެންސީ ނޫން ކެންޑިޑޭޓުންވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު ހުއްޓާ ރައީސް އަދި ސަރުކާރުން އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދުކުރާ ދާއިރާތައް ވެސް ހިމެނެ އެވެ.
މިސާލަކަށް، ތ. ތިމަރަފުށި ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓު، އިބްރާހިމް ސަނާހު (ސަންޓޯ) ހުންނަވަނިކޮށް ރައީސް އަދި ސަރުކާރުންނާއި ޕީއެންސީގެ އިސްވެރިން ވެސް ތާއީދުކުރަނީ، ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ އަހުމަދު ރިޔާޒަށެވެ.
މިނޫނަސް މީގެ ދާއިރާތައް ހުރިއިރު، އެފަދަ ދާއިރާއަކުން ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު ހޮވިއްޖެނަމަ ސަރުކާރުން އެ ކެންޑިޑޭޓަކާއެކު މަސައްކަތް ކުރާނެކަން ސާފުކުރުމަށް "އަދަދު" އިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ހީނާ ސީދާ ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވީ ޔަގީނަށްވެސް ހޮވެނީ ރައީސްގެ ކެންޑިޑޭޓުން ކަމަށެވެ.

"މިއީ ސިޔާސީ ކެމްޕޭނެއް، އަޅުގަނޑުމެންގެ ތަފާސްހިސާބުތަކެއް ވެސް ހުންނާނެ، އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ އަދި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އަޅުގަނޑުމެންގެ ތާއީދުކުރާ، ރައީސުލްޖުމްހުރިއްޔާ ތާއީދުކުރާ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް، އެއީ ޖަވާބަކީ" ހީނާ ވިދާޅުވި އެވެ.
އެ ކެންޑިޑޭޓުން ނުހޮވޭ ހާލަތާ ބެހޭގޮތުން އިތުރަށް ސުވާލުކުރުމުން ވެސް ހީނާ ވިދާޅުވީ، "އަޅުގަނޑުގެ ޖަވާބަކީ އެއީ" ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ޕީއެންސީ ޓިކެޓުގައި ކުރިމަތިލައްވާފައި ތިބި ބައެއް ކެންޑިޑޭޓުން އަމިއްލަ މަސްލަހަތު އިސްކުރާ ކަމަށް ތުހުމަތުކުރައްވައި ރައީސް މުއިއްޒު ތާއީދު ކުރައްވާ ކެންޑިޑޭޓުން ހޮވައިދިނުމަށް އެމަނިކުފާނު ވަނީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވެސް އަންގަވާފަ އެވެ.
ޕްރައިމަރީން ޕާޓީގެ ޓިކެޓު ކާމިޔާބު ކޮށްގެން ތިބި ނަމަވެސް އެ ދާއިރާތަކަށް ވާދަކުރާ އެހެން ކެންޑިޑޭޓަކަށް ސަރުކާރުން ތާއީދު ކުރުމުން ޕީއެންސީގެ ކެންޑިޑޭޓު ފަހަތަށް ޖެހުމަށް ވެސް ރައީސް އެރޭ އެދިވަޑައިގެންނެވި އެވެ.
"ބާކީ މިއޮތް 20 ދުވަހަކީ އަދި މާ މަދު ދުވަހެއް ނޫން މިކަން އިސްލާހު ކުރަން، އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު ފަހަތަށް ޖައްސާލަން ޖެހޭ، ގައުމު ކުރިއަށް ނެރެން ޖެހޭ، އެންމެ ފުރަތަމަ ގައުމު އިސްކުރަން ޖެހޭ،" ޕީއެންސީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ރައީސް މުއިއްޒު ވިދާޅުވި އެވެ.













