ދުބާއީ ފޯރަމްގައި ސަރުކާރުން ހުށަހެޅީ 16 އެއާޕޯޓެއް ތަރައްގީ ކުރަން

ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ފެބްރުއަރީ 13 ގައި ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ސަރުކާރުން 16 އެއާޕޯޓެއް އަޅަން އިންވެސްޓްމަންޓު ހޯދަން ހުޅުވާލިކަން އިނގިއްޖެ އެވެ. އެ ފޯރަމުގައި 130 ކުންފުންޏަކުން 290 މަންދޫބުން ބައިވެރިވި ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ.

އިންވެސްޓްމަންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ކުރިއަށް ދިޔުމަށް އޮތް ތަސައްވުރާއި ބައިނަލްއަގުވާމީ ބައިވެރިންނާއިއެކު އިންވެސްޓްމަންޓް ޕާޓްނާޝިޕް ގާއިމު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި އެ ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދެއްކެވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ ޕޯޓް، ލޮޖިސްޓިކް، އިއާދަކުރަނިވި ހަކަތަ، ރިއަލް އެސްޓޭޓް، ފަތުރުވެރިކަން އަދި ބިނާވެށި ފަދަ ދާއިރާތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މަންދޫބުން ރާއްޖޭގެ އެންމެ މަތީ ވަފުދާ އެއް ފުރާޅެއްގެ ދަށުން ބައްދަލުވި ކަމަށެވެ.

ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

އެ ފޯރަމުގައި ބައިވެރިވި ބޭރުގެ އިންވެސްޓަރުންނަށް އެއާޕޯޓު މަޝްރޫއުތަކާ ބެހޭ ގޮތުން ދިން ލިޔުން "އަދަދު" ނޫހަށް ލިބިފައި ވާއިރު، ސަރުކާރުން ކުރިއަށް އޮތްތަނުގައި އަޅަން ރާވާފައިވާ އެއާޕޯޓުތަކާއި ކުރިއަށްދާ އަދި ހިދުމަތް ދެމުންދާ އެއާޕޯޓުތައް ހިމަނާފައިވެ އެވެ.

އެ ކަރުދާހުގައި ބުނެފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އުންމީދު ކުރަނީ ކުރިއަށް އޮތް ތިން އަަހަރު ތެރޭ 15 އެއާޕޯޓެއް އެޅުމަށެވެ. ނަމަވެސް އަލަށް ފަށަން ޕްރޮޕޯސްކުރާ 16 އެއާޕޯޓެއް އެ ކަރުދާހުގައިވާ ޗާޓުގައި ފާހަގަކޮށްފައިވެ އެވެ.

ފޯރަމްގެ ލިސްޓާއި ގަރާރުގެ ލިސްޓުގައި ފަރަގު

މީގެ 47 ދުވަސް ކުރިން އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކޮށް އިންވެސްޓަރުންނަށް ބެހި މި ރަސްމީ ލިޔުމުގައި އެއާޕޯޓު އަޅާނެ ރަށްތަކުގެ ގޮތުގައި ހިމަނާފައިވާ ރަށްތަކާއި ބުރާސްފަތި ދުވަހު އިއުލާނު ކުރި ރަށްތަކުގެ ލިސްޓުގައި ތަފާތުތަކެއް އެބަ ހުއްޓެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ގަރާރަކުން ކަނޑައަޅާފައިވާ ގޮތުން ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓު އަޅަނީ އެ އަތޮޅު ފައިނުގަ އެވެ. ނަމަވެސް ދުބާއީ ފޯރަމުގައި ބެހި ކަރުދާހުގައިވާ ގޮތުން އޭރު އެ އަތޮޅުގައި އެއާޕޯޓު އަޅަން ނިންމާފައިވަނީ ބެރިޔަންފަރުގަ އެވެ.

ރައީސްގެ ގަރާރުގައި ގއ. އަތޮޅުގެ އެއާޕޯޓު އަޅަން ވުޖޫދުގައި ނެތް ގއ. މާޅެންދޫ އޮތް އޮތުން މި ކަރުދާހުން ވަނީ ސާފުވެފައިވެ އެވެ. ކަރުދާހުގައިވާ ގޮތުން ގއ. އަތޮޅުގައި އެއާޕޯޓު އަޅަނީ އެ އަތޮޅު މާރަންދޫގަ އެވެ. ނަމަވެސް ރައީސްގެ ގަރާރަށް މި ބަދަލު ނުގެނެ އެވެ.

ރައީސްގެ ގަރާރުގައި އަލަށް ފަށާ އެއާޕޯޓު މަޝްރޫއުތަކުގެ ގޮތުގައި ނުވަ ރަށެެއް އޮތް އިރު، އިންވެސްޓް ފޯރަމުގެ ލިސްޓުގައި އިތުރަށް ހިމެނެނީ، ވ. ކެޔޮދޫ އަދި އެ އަތޮޅު ފޮއްދިޔަފަރުގައި އަޅާ އެއާޕޯޓެވެ.

ދުބާއީ ފޯރަމުގެ ލިސްޓުގައި އިތުރަށް ހިމަނާފައި ވަނީ ހދ. މަކުނުދޫ، ށ. ބިލެއްފަހި، ށ. މިލަންދޫ، ބ. ތުޅާދޫ، ފ. މަގޫދޫ، އަދި ތ. ވިލުފުށީގައި އަޅާ އެއާޕޯޓުތަކެވެ. އިންވެސްޓަރުން ހޯދާ 15 ނުވަތަ 16 އެއާޕޯޓަކީ މި އެއާޕޯޓުތަކާއި އަލަށް އިއުލާނުކުރި އެއާޕޯޓުތަކެވެ.

ވިލިނގިލި އަދި ތިނަދޫ އެއާޕޯޓުގެ ވާހަކަ ނެތް!

ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމަށް ފަހު ޖެހިގެން އައި ހަފުތާގައި ސަރުކާރުން ވަނީ ހުވަދޫ ދެ އަތޮޅުގެ ވެރި ރަށުގައި ބައިނަލްއަގުވާމީ އެއާޕޯޓު އެޅުމާ ގުޅޭ ދެ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.

ތިނަދޫ އެއާޕޯޓު އެޅުމަށް ހުށަހަޅާފައި ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެވެ. އެ އެއާޕޯޓު އަޅަން ހުށަހަޅާފައިވާ އިންވެސްޓަރު ކަމަށްވާ ތައިލެންޑުގެ ކުންފުންޏާ ގުޅުވާ އޮޅުވާލުމާއި މަކަރުހެދުމުގެ ގިނަ ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ އެވެ. މި ކުންފުނީގެ ހިއްސާދާރުން މީގެ ކުރިން ރާއްޖޭގެ ދެ ފަޅުރަށެއް ކުއްޔަށް ނަގައި ހިންގަން އުޅުނު މަޝްރޫއުތައް ފްލޮޕްވި ގޮތާއި ހިންގި އެހެން 'ސްކޭމް' ތަކުގެ ތަފުސީލީ ރިޕޯޓެއް "އަދަދު" އިން ވާނީ ގެނެސްދީފަ އެވެ.

ވިލިނގިލީ އެއާޕޯޓު އެޅުމަށް ހުށަހެޅީ ބެލްޖިއަމްގެ ބެސިކްސް އެސްއޭ ކުންފުނިންނެވެ. ސަރުކާރުން ބުނާ ގޮތުގައި މި ދެ ކުންފުންޏާއެކުވެސް ސޮއިކުރީ މަސައްކަތް ކުރެވޭތޯ ފެންވަރު ބެލުމުގެ ފަހުމުނާމާއެއްގަ އެވެ.

ނަމަވެސް، އޭގެ ހަފުތާއެއް ކުރިން ދުބާއީގައި ބޭއްވި އިންވެސްޓުމަންޓު ފޯރަމުގައި އިކޮނޮމިކް މިނިސްޓްރީން އިންވެސްޓަރުންނަށް ދިން ލިޔުމުގައި މި ދެ އެއާޕޯޓުގެ ވާހަކައެއް ނެތެވެ. ކުރިއަށްދާ، ނުވަތަ ރޭވިފައިވާ އެއާޕޯޓު މަޝްރޫއުތަކުގެތެރޭގައި ވެސް މި ދެ މަޝްރޫއެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox