އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިފަހުން އެމްޑީޕީގެ 13 މެންބަރަކު ޕީއެންސީއާ ގުޅުނު ނަމަވެސް، އެމްޑީޕީއިން ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލަށް ތާއީދުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ "ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ މަޖިލިސް މެންބަރުން ހޮވޭ ޕާޓީގައި ދެމިތިބުން ނަމަވެސް އެމްޑީޕީއިން ޕީއެންސީއަށް ބަދަލުވި މެންބަރުން ބަދަލުވީ ޖާއިޒު ސަބަބުތަކެއް ހުރެގެން ކަމަށެވެ.
"އަޅުގަނޑުމެންނާ އެމްޑީޕީއިން މެންބަރުތަކެއް ބަދަލުވި ވާހަކަ، އެބޭފުޅުން ހަމަ ވަރަށް ޖާއިޒު ސަބަބަތަކެއް އޮވެގެން ބަދަލުވެގެންދިޔައީ، ދެން އުސޫލެއްގެ މަތިން އެންމެ ރަނގަޅު ގޮތް އަޅުގަނޑުވެސް ގަބޫލުކުރާގޮތުގަ އިންތިހާބުވެފައިވެފަ ހުންނަ ޕާޓީގަ ހުރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރުކަން ލިބެނީ ވަކި ޕާޓީއެއްގެ ޓިކެޓުގައި ވަކި ސިޔާސަތުތަކެއް ވިއްކައިގެން ކަމަށާއި އެ ތާއީދު ލިބުނު އަސާސްތައް ދޫކޮށްލައި އެހެން ޕާޓީއަށް ދިޔުމަކީ އެކަން އޮންނަންވާނެ ގޮތް ނޫން ކަމަށެވެ.
"އެންމެ އައިޑިއަލް ގޮތަކީ އެ އިންތިހާބުވި ޕާޓީގަ ހުރެގެން ކުރިއަށް ދިޔުން، އެއީ ރައްޔިތުންނާ ވެސް ހެދިފަ އެ އޮންނަ ސޯޝަލް ކޮންޓްރެކްޓަކީ ހަގީގަތުގަ. އެހެންވީމަ އުސޫލެއްގެ ގޮތުން އަޅުގަނޑު ތާއީދުކުރަން [އެންޓި ޑިފެކްޝަން] ބިލަށް،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނެއް ހަދަން ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ހާއްސަ ކޮމިޓީއަކަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ 26 ގަ އެވެ. ޖެހިގެން އައި ދުވަހު އެ ބިލު ވަނީ ކޮމިޓީން ފާސްކޮށްފަ އެވެ.
އެންޓި ޑިފެކްޝަން ބިލުގައިވާ ގޮތުން މަޖިލީހަށް ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެނަމަ މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެ އެވެ.
މެމްބަރަކު އިންތިހާބުވި ޕާޓީން އޭނާ ވަކިކޮށްފި ނަމަ އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އެ މެމްބަރު އިތުރަށް ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެންޓި ޑިފެކްޝަން ގާނޫނަކަށް މީގެ ކުރިންވެސް އަމަލުކުރި އެވެ. އެ ގާނޫނުގައިވާ ގޮތުން މެމްބަރަކު ޕާޓީ ބަލަދުކޮށްފިނަމަ ވަގުތުން އޭނާގެ ގޮނޑި ގެއްލޭނެ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއަށް ފަހު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ފާސް ކުރި އެވެ. އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސް ކުރި ކުރުން ތަސްދީގު ކުރެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.












