އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "އަދަދު" އަށް ވިދާޅުވީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައި ވަނީ މިއަދު މެންދުރު ކަމަށާއި، މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
އައްޑޫގައި ފެނުގެ ނިޒާމު މިހާރު އޮތް ހާލަތުން ރިޒާވުގައި ފެން ނުހުންނަ މައްސަލައިގައި މީގެ ކުރިން ވެސް މޭޔަރު ނިޒާރު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަޕްލައި ފެން ބޭނުން ކުރާ ފަރާތްތަކަށް މިކަމުގެ ސަބަބުން ބޮޑެތި އުނދަގޫތައް އަންނަނީ ކުރިމަތިވަމުންނެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިފަހަރު ފެނުގެ ހިދުމަތް މެދުކެނޑުނީ. މައްސަލަ ހައްލުކުރަން އެބަ މަސައްކަތް ކުރޭ. ހައްލު ކުރެވޭނީ ކިހާ އިރަކުން ކަމެއް އަދި ނޭގޭ" ނިޒާރު ވިދާޅުވި އެވެ.
މާލެ ނަގާފައި ރާއްޖޭގައި އެންމެ ގިނަ މީހުން ދިރިއުޅޭ އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ މައްސަލަ ހައްލުކުރެވޭނީ، ނިޒާރު ވިދާޅުވާ ގޮތުން ނަމަ، މިކަމަށް ވަކިން ޕްރޮޖެކްޓެއް ހިންގައިންނެވެ. މި ނުކުތާގައި އޭނާ ވަނީ ސަރުކާރުތަކުން އައްޑޫ ސިޓީއަށް ދޭން ޖެހޭ ވަރަށް ސަމާލުކަން ނުދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައި އޮތް ހާލަތުން އަރައިގަތުމަށް އެކަށީގެންވާ މަސައްކަތެއް މިހާރު ނުކޮށްފިނަމަ، ކުރިޔަށް އޮތް ދުވަސްތަކުގައި އެ ސިޓީ ބޮޑު ކާރިސާއަކާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
އައްޑޫ ސިޓީގައި ފެނުގެ އިތުރުން ކަރަންޓުގެ ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުން އަންނައިރު، ދިމާވާ މައްސަލަތައް ހައްލުނުވެ ދިގުލައިގެންދާތީ އެ ސިޓީގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.













