ވަސީލަތް ފޯރުކޮށްނުދީ ޝަރީއަތް އަވަސް ކުރުމަށް އުއްމީދު ކުރުމަކީ ބިމުގައި ހުރެފައި ހަނދުގައި އަތްލާން އުޅުންކަހަލަ ކަމެއް: ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު -- ފޮޓޯ: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު -- ފޮޓޯ: ސުޕްރީމް ކޯޓު

ރާއްޖޭގެ އަދުލުގެ ނިޒާމު އޮތްގޮތުން ގިނަ އަދަދެއްގެ މީހުން ބަންދުގައި ތިބެންޖެހޭ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ އިމާރާތާއި މުވައްޒަފުން ޝަރުއީ ދާއިރާއަށް ފޯރުކޮށްނުދީ ޝަރީއަތްތައް އަވަސް ކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދު ކުރަން އުއްމީދު ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގެއް އެޅުން ނުވަތަ ބިންމަތީގައި ހުރެހެން ހަނދުގައި އަތްލާން އުޅުން ކަހަލަ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު ސިފަ ކުރައްވައިފި އެވެ.

ރާއްޖެއަށް އެތެރެކުރިފަހުން އަތުލައިގަތް 72 ކިލޯގެ މަސްތުވާތެކީގެ މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ސ. ހުޅުދޫ، އިރުފާން ތަގިއްޔު ބަންދުން ދޫކުރުމަށް ދަށު ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފީ އަޑުއެހުމުގައި ސުއޫދުގެ ރައުޔު އިއްވަމުން ވިދާޅުވީ ބަންދުގައި ދިގު މުއްދަތު ހޭދަވި ނަމަވެސް މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫން ކަމަށާއި ބަންދުގައި ދިގު މުއްދަތެއް ހޭދަވެފައިވާ މީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް އެ މައްސަލައިގައި އަވަހަށް ހުކުމް ކުރުމަކީ އޭގެ އެއް ހައްލު ކަމަށެވެ.

"މިހާރު ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތްގޮތުން ގިނަ އަދަދެއްގެ މީހުން ބަންދުގައި ތިބެންޖެހޭ މައްސަލަތައް ހައްލު ކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ މަރުހަލާ އަވަސްކުރުން، ޝަރީއަތުގެ މަރުހަލާ އަވަސް ކުރެވެން އޮތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ޝަރީއަތް ކުރާނެ، އެކަން ކުރުމަށް އެކަށޭނެ އިމާރާތާއި މުވައްޒަފުން ވީހައި އަވަހަކަށް ޝަރުއީ ދާއިރާއަށް ހޯދައިދިނުން،" ސުއޫދު ވިދާޅުވި އެވެ.

ބަންދު މުރާޖާ ކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް ބަންދުގައި ދައުވާ ލިބޭ ފަރާތްތައް އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެއް ވަންދެން ނުތިބޭނެ އުސޫލެއް ގާއިމު ކުރުމަށްވާއިރު، އެކަށީގެންވާވަރުގެ ވަސީލަތްތަކެއް ޝަރުއީ ދާއިރާއަށް ފޯރުކޮށް ނުދީ ޝަރީއަތްތައް އަވަސް ކުރުމަށް އުއްމީދު ކުރުމަކީ ގޯހެއްކަން ސުއޫދު ފާހަގަ ކުރެއްވި އެވެ.

"އެފަދަ ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައި ނުދީ ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދު ކުރަން އުއްމީދު ކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގެއް އެޅުން ނުވަތަ ބިންމަތީގައި ހުރެގެން ހަނދުވަރު ދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް،" ސުއޫދު ވިދާޅުވި އެވެ.

ބަންދުގެ މުއްދަތު 30 ދުވަހުން 30 ދުވަހުން މުރާޖާ ކުރުމުގެ ބޭނުމަކީ ކޮބައިތޯ ބެލުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ހަތަރުވަނަ އިސްލާހުގެ ބިލުން އެ ގާނޫނުގެ 60 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، ކަނޑައެޅިފައިވާ މުއްދަތްތަކުން މުރާޖާ ކުރަން ހުށަހެޅުނު ސަބަބެއް ކަމަށް އެ ބިލާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ހިނގި ބަހުސްތަކުން ފެންނާން އޮތީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ގިނަ އަދަދެއްގެ މީހުންގެ މައްސަލަތައް ނުނިމި ތިބުމާ އެމީހުންގެ ޝަރީއަތްތައް އެކަށީގެންވާ ހަލުވި މިނެއްގައި ކުރިއަށް ނުގެންދެވި ދިގު މުއްދަތަށް ބަންދުގައި ތިބެންޖެހުންކަން ވެސް ހުސްނުއްސުއޫދު ފާހަގަކުރެއްވި އެވެ.

އަދި އެއިން އެއްވެސް ބަހުސްއެއްގައި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެގެން ބަންދުގައި ބައިތިއްބާފައި ތިބި މީހުން މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަކީ ބަންދު މުރާޖާ ކުރުމުގެ މަގުސަދު ކަމަށް ވާހަކަދެކެވިފައި ނުވާ ކަމަށް ސުއޫދު ފާހަގަކުރެއްވި އެވެ.

"އެހެންކަމުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ގޮތަކަށް އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ނުކުރާނެ ގޮތަކަށް މި ދެ ފަރާތުގެ ހައްގުތައް ކޮންމެ މައްސަލައެއްގައި މީޒާންކޮށް ހަމަ ކުރަންޖެހޭ،" ސުއޫދު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެނެސް "ވާނުވާ" ނިމުމަކަށް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ކަމާ ގުޅިގެން ސަރުކާރުން މިހާރު އޮތީ ހުކުމް ތަންފީޒުކުރުން ފަސްކޮށްދީ، ކަފާލާތުގެ ދަށުން އިސްތިއުނާފު ނިމެންދެން ބަންދުން ދޫކޮށްލެވޭނެ ހަމަތައް ހިމަނައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފަ އެވެ.

ރާއްޖޭގައި "ވާނުވާ" ބަންދުގައި 450 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 373 މީހުންނަކީ ދިވެހިންނެވެ.

އެންމެ ގިނަ މީހުންނަށް "ވާނުވާ" ޖަހާފައި ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި, ބޭނުންކުރުމާއި އަދި ވިއްކުމާ ގުޅޭ ތުހުމަތުތަކުގަ އެވެ. އެފަދަ 134 މީހުން ތިބީ މުއްދަތެެއް ނެތް ގޮތަށް ޖަލު ބަންދުގަ އެވެ. ދެވަނައަށް އެންމެ ގިނައީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހުންނެވެ.

ޖިނާއީ އަދުލުގެ ނިޒާމު ހިންގުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި ދިވެހިރާއްޖޭގެ ޖުޑީޝަލް އައު އަހަރު ފާހަގަަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވެސް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އެގޮތުން ކްރިމިނަލް ކޯޓު ހިންގަމުންދިޔަ އިމާރާތް ބާވެ، އެތަނަކީ މީހުން ހާޒިރުކޮށް މަސައްކަތް ކުރަން އެކަށީގެންވާ އިމާރާތަކަށް ނުވާތީ އެ ކޯޓުގެ މަސައްކަތްތަކާއި ޝަރީއަތްތައް ހުއްޓިފައިވާކަން މުއުތަސިމް އެރޭ ފާހަގަކުރެއްވި އެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން ވެސް މިދިޔަ އަހަރަކީ ޝަރުއީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްީ ހީނަރުވެ ޖާގައިގެ ދަތިކަމާ ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށް މުއުތަސިމް ވިދާޅުވި އެވެ. އެގޮތުން ވާރޭ ވެހުމުގެ ސަބަބުން ފެމިލީ ކޯޓާއި ޑްރަގު ކޯޓުގެ އިތުރުން ވެސް ބައެއް މެޖިސްޓުރޭޓު ކޯޓުތަކުގެ އިމާރާތްތަކަށާއި ވަސީލަތްތަކަށް ގެއްލުން ލިބުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެ ތެރެއިން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް ވަޒަންކޮށް ޑިޕާޓުމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދަންނަވައިގެން އެތަން މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ކޮށްފައިވާ ކަމަށް މުއުތަސިމް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހުއްޓުމަކަށް އައީ މިދިޔަ ޑިސެމްބަރު 31، ގައި މާލެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ. އެ ވިއްސާރައިގައި ކްރިމިނަލް ކޯޓުގެ ސީލިންގެ ހުރިހާ ދިމާލަކުން އެތެރެއަށް ފެން ވަދެ، ކޯޓުގެ ސާވާ ވެސް ވަނީ އެއްކޮށް ހަލާކުވެފަ އެވެ.

އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ކޯޓުގައި ހަމައެކަނި ކުރިއަށް ގެންދަނީ ހައްޔަރު ކުރާ މީހުންގެ ބަންދު މުއްދަތު ޖެހުމާމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތައް އެކަންޏެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތަކީ މީގެ ކުރިން ވެސް ވިއްސާރައިގެ އަސަރުކޮށް ހިދުމަތަށް ބުރޫ އަރާ ކޯޓެކެވެ. އެ އިމާރާތަކީ ވަރަށް ދުވަސްވީ މުސްކުޅި އިމާރާތެކެވެ.

ކްރިިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމާއި އެތަނުގެ ޝަރީއަތްތަކަށް ބުރޫ އެރުމުގެ ސަބަބުން އެ ކޯޓުގައި ހުރީ މައްސަލަތައް ފުނިޖެހިފަ އެވެ. ހުސްވި އަހަރު އެ ކޯޓު ރިސެސްއަކަށް ވެސް ނުދެ އެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތުގެ ބޮޑު ބައެއް ބޭނުން ކުރުން ހުއްޓާލާފައިވާއިރު، އިމާރާތުގެ ހާލަތު ވަޒަން ކުރުމަށްފަހު 2017 ވަނަ އަހަރު ގެޑޯ ޕްރައިވެޓު ލިމިޓެޑުން ތައްޔާރުކުރި ރިޕޯޓެއްގައި އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox