މަތީ ތައުލީމާއި ތަމްރީން ދިނުމަށް ވިލާ ކޮލެޖާއި މާފުށި ކައުންސިލް އިދާރާއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ވިލާ ކޮލެޖުން ބުނީ މިއީ މާފުށީ ކައުންސިލުން މާފުށީގެ ތައުލީމީ ހާލަތު ރަނގަޅުކޮށް ތައުލީމީ ޖީލެއް ބިނާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ކޮލެޖާއެކު މަސައްކަތްކުރުމުގެ ގޮތުން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ވިލާ ކޮލެޖުން ސޮއިކުރެއްވީ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު އެވެ. މާފުށީ ކައުންސިލް ސޮއިކުރެއްވީ އެ ކައުންސިލުގެ ރައީސް ހަސަން ސަލާހު އެވެ.
އެމްއޯޔޫގައި ހިމެނޭ ބައިތައް:
- ވިލާ ކޮލެޖުގައި ކިޔެވުމަށް މާފުށީގެ ދަރިވަރުންނަށް މާފުށީ ކައުންސިލްއިން ކަނޑައަޅާ އަދަދަކަށް، އެކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކޮންމެ އަހަރަކު ސްކޮލަޝިޕް ހަމަޖައްސައި ދިނުން
- މާފުށީގައި ވިލާ ކޮލެޖުގެ ކޯސްތައް ފެށުމަށްޓަކައި ބޭނުންވާ ކަންކަމުގައި ދެފަރާތުން މަސައްކަތް ކުރުން
- ދެފަރާތް ގުޅިގެން ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް މާފުށީގައި ޕްރޮމޯޓު ކުރުން
- މާފުށީ ކައުންސިލްގެ ސްކޮލަޝިޕް ސްކީމް ތައާރަފްކޮށް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާ ލަފާ ވިލާ ކޮލެޖުން ދިނުން
- މާފުށީ ކައުންސިލުން ބޭނުންވާ ދާއިރާތަކުން މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ވިލާ ކޮލެޖުން އެހީތެރިވެދިނުން
ވިލާ ކޮލެޖުން އަންނަނީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތައް ގެނައުމަށް، އެކި ރަށްރަށުގެ ކައުންސިލާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކޮލެޖުން އަންނަނީ އެކި ރަށްރަށުގައި ކެމްޕަސްތައްވެސް ހިންގަމުންނެވެ.













