ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ސަރުކާރުން ބުނާ އަދަދަކީ ހަގީގީ އަދަދެެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަބޫލު ނުކުރެއްވުމުން ސަރުކާރުގެ އިސްވަޒީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނު ރައްދުދެއްވައިފި އެވެ.
އަބްދުއްރަހީމަކީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ގެންދަން ގޮވާލައި ޔާމީނު ކުރިން ހިންގެވި ހަރަކާތުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ޔާމީނުގެ ކެންޑިޑޭޓުންނާ ސުވާލުކުރަން ޕީއެންއެފްގެ އޮފީހުގައި ބާއްވާ ބައްދަލުވުންތަކުގެ ސިލްސިލާގައި މިދިޔަ ބުރާސްފަތި ދުވަހުު ބޭއްވި ބައްދަލުވުމެއްގައި ޔާމީނު ވިދާޅުވީ ސަރުކާރުން ބުނާ އަދަދަށް ވުރެ އިތުރަށް ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ. އެމަނިކުފާނު ތުހުމަތުކުރެެއްވި ގޮތުގައި އައްޑޫ ޕޮލިސް އެކަޑަމީގައި އެކަނި ވެސް އިންޑިއާގެ 200 ސިފައިން އެބަ ތިއްބެވެ.
އެހެން ނަމަވެސް ސަަރުކާރުން ބުނަމުން ގެންދަނީ ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ 88 އަށް މީހުންނެވެ.
"އެމްޑީޕީ ސަރުކާރުން އެތައް ވަރަކަށް ވާހަކަދައްކާފައި މިބުނަނީ 87 އިންޑިއާ ސިފައިންނޭ ތިބީ، މިސަރުކާރުން ބުނަނީ އާނ ހަމަ 87 ސިފައިންނޭ ތިބީ އިނގޭތޯ، މިސަރުކާރުން ހަމަ [މިބުނަނީ] އެމްޑީޕީ ސަރުކާރުން ބުނާ އެއްޗެއް، އެކަމަކު ވައްޑޭއަށް އެނގޭތޯ؟ ފޭދޫގައި އެކަނި، ޕޮލިސް އެކަޑަމީ ހަދާފައި ފޭދޫގައި އެކަނި އެބައުޅޭ އިންޑިއާ ސިފައިންގެ 200 މީހުން،" ޔާމީނު ވިދާޅުވި އެވެ.

ޔާމީނުގެ އެވާހަކައަށް އަބްދުއްރަހީމް ރައްދު ދެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ ފަރާތުން މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ތޯރިގު (ޓޮމް) އަށް ކެމްޕެއިން ކުރަން އެރަށުގައި އިއްޔެ ބޭއްވި ޖަލްސާއެއްގަ އެވެ.
"ރައީސުލް ޖުމްހޫރިއްޔާ، އަންނަ މޭމަހުގެ 10 ގެ ކުރިން، ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބާނޭ ބުނީމާ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ 87 ސިފައިން ގައިގައި އަޅައިގަނެގެން ނެއްޓެން މިސަރުކާރުން މިއުޅެނީ ކީއްވެގެން ހެއްޔޭ؟ ބަލަގަ ލިޔެކިއުންތަކުން ފެންނަން ހުރި އަދަދުތަކުގެ ވާހަކައޭ މިދައްކަނީ، އެ 87 ސިފައިން މިއަންނަ މޭމަހުގެ 10 ގެ ކުރިން ފައިބާނެކަމުގެ ލިޔެކިއުންތަކުގައި އެހެރީ ސޮއިކޮށްފަައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ނޫން ގޮތަކަށް ދައްކާ ވާހަކައަކީ ދޮގުހަދައިގެން ދައްކާ ވާހަކައެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
ޔާމީނު މިނިވަންކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ދައްކާ ވާހަކައަށް ވެސް އަބްދުއްރަހީމް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ބަޔަކު ކިތަންމެ ރުޅިއައި ނަމަވެސް ޝަރުއީ ނިޒާމަށް ސަރުކާރުުން އަތްނުބާނާނެ ކަމަށެވެ.












