ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލަނީ ނޫން ކަމަށާއި ޔުނިފޯމް ބާލާފައި އަލުން އަންނަނީ ކަމަށް ބުނެ ބައެއް މީހުން ސަރުކާރަށް އަމާޒުކުރި ފާޑުކިއުންތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.
އިންޑިއާގެ 88 ސިފައިން ރާއްޖޭގައި މިހައިތަނަށް ތިބީ އެގައުމުން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓެެއް އޮޕަރޭޓްކުރުމަށާއި ސެނެހިޔާ ހޮސްޕިޓަލްގައި ޑޮކްޓަރުންގެ ގޮތުގަ އެެވެ. އެ ސިފައިން ފޮނުވައިލަން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރަައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.
އެ ވައުދު ފުއްދުމުގެ ގޮތުން ސަރުކާރުން އިންޑިއާއާ އެކު އެއްބަސްވެފައި އޮތީ ސިފައިން އަނބުރާ ގެންދިއުމަށް ފަހު، އުޅަނދުތައް އޮޕަރޭޓްކުރަން މަދަނީ މީހުން ގެނައުމަށެވެ. އެގޮތަށް އެއްބަސްވުމުން، ފާޑުކިޔާ މީހުން ބުނީ މަދަނީ މީހުންގެ ނަމުގައި "ކުލަ ހެދުމުގައި" އިންޑިއާއިން އަންނާނީ ސިފައިން ކަަމަށެވެ.
ރަސްމީ ދަތުރެއްގެ ނަމުގައި މާޅޮސް މަޑުލަށް ކުރައްވާ ކެމްޕޭން ދަތުރުގައި ރޭ ބ. އޭދަފުށީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭން ފޮނުވައިލުމުގެ މަސައްކަތް އޮތީ ކާމިޔާބުވެފައި ކަމަށެވެ. އެއާ އެކު ތަކުރާރުކުރެއްވީ އިންޑިއާ ސިފައިން ފައިބާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ކުރިން ވެސް ދެއްވާފައިވާ ތާވަލެވެ. އެއީ މާޗް 10، ގައި އެއް ބެޗް ފޭބުމާއި މޭ 10، ގެ ކުރިން އަނެއް ބެޗް ފޭބުމެވެ.
"ދެން މިކަން ވެސް އަޅުގަނޑުމެންނަށް ކުރެވޭތީ އަނެއްކާ ވެސް ދޮގުހަދާ މީހުންނަށް މި އާދަވެފައި ހުންނަނީ ދޮގު ހަަދަން. އެމީހުން އެ ފައިބަނީއެއް ނޫނޭ، ޔުނިފޯމް ބަދަލުކޮށްލައިގެން ކުލަ ހެދުމުގައި އަންނަނީއޭ، މިކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ހިތްތަކުގައި ޝައްކުއުފައްދައި، ދޮގު ފެތުުރުމަކީ އަޅުގަނޑުމެން ފުރުސަތު ދީގެން ވާނެކަމެއް ނޫން،" ރައީސް ވިދާޅުވި އެެވެ.

އެހެން ވިދާޅުވެ، ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވީ "ލޯކުރިމަތިން ފެންނަ ހަގީގަތް" ގަބޫލުކުރާ ބަޔަަކަށް ވުމަށެވެ. ކަމަކާ ބެހޭ ގޮތުން އެމަނިކުފާނު ވާހަކައެއް ދައްކަވާ ނަމަ އެ ވާހަކައެއް ދައްކަވާނީ ކަންކުރައްވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމާ އަަޅުގަނޑު މިދަންނަވާ ކޮންމެ ކަމެއް ވެސް މި ދަންނަވަނީ، އެކަމެއް ކުރަން ނިންމައި ކުރަމުންދާ ގޮތަށް، އެހެންވީމާ 10 މޭ އާ ހަމައަށް ދާއިރު ގައި އިރާދަކުރެއްވިއްޔާ ރާއްޖޭގައި ނުތިބޭނެ އިންޑިއާ ސިފައިންނެއް. އެއީ ޔުނީފޯމްގައިތޯ، ކުލަހެދުމުގައިތޯއެއް ނޫން، އެއްވެސް ކަހަލަ ހެދުމެއްގައި އިންޑިއާ ސިފައިންނެއް [އަދި] އެއްވެސް ގައުމެއްގެ ސިފައިންނެއް މިރާއްޖެއަކު ނުތިބޭނެ،" ރައީސް ވިދާޅުވި އެވެ.
އިންޑިއާ ސިފައިންގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓްކުރަން އަންނަ މަދަނީ މީހުންގެ ފުރަތަމަ ގްރޫޕް ފެބްރުއަރީ 26، ގައި ވަނީ ރާއްޖެއަށް އައިސްފަ އެވެ. އެކަމަކު އެއީ ކިތައް މީހުން ކަމެއް ޑިފެންސް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.













