އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު ދުއްވަން ރާއްޖެ އައިސްފައިވަނީ އެ ގައުމުގެ 'ޓެކްނިކަލް' މީހުން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއާ ބެހޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ރަންދީރް ޖައިސްވަލް ވިދާޅުވީ، އިންޑިއާގެ އުޅަނދުތައް އޮޕަރޭޓުކުރަން ތިބި ސިފައިންގެ ބަދަލުގައި ގެންނަ "ޓެކްނިކަލް" މީހުން މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.
"ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައިދާ ޓެކްނިކަލް މީހުންގެ ފުރަތަމަ ބެޗު މިހާރު ވަނީ ރާއްޖެ އައިސްފަ" އޭނާ މިއަދު ވިދާޅުވި އެެވެ.
ސިފައިންގެ ބަދަލުގައި ފޮނުވާ މީހުންނަކީ 'ޓެކްނިކަލް' މީހުން ކަމަށް މީގެ ކުރިންވެސް އިންޑިއާއިން ވަނީ ބުނެފަ އެވެ. އެގޮތުން މި މަހުގެ 9 ގައި އިންޑިއާގެ ހާރިޖިއްޔާގެ ތަރުޖަމާނު ވަނީ، ވިދާޅުވި އެވެ.
"ފާހަގަކޮށްލަން ބޭނުން، އުޅަނދުތައް އޮޕަރޭޓުކުރުމަށް މިހާރު ރާއްޖޭގައި ތިބި ފަރާތްތައް އަނބުރާ ގެނެސް އެކަން ކުރުމަށް އިންޑިއާގެ ކުޅަދާނެ 'ޓެކްނިކަލް' މީހުން ފޮނުވޭނެ،" އޭނާ ވިދާޅުވި އެވެ.

މިހެން ވިދާޅުވެ، 'އިންޑިއާގެ ކުޅަދާނެ ޓެކްނިކަލް މީހުން' މި އިބާރާތް ތަކުރާރު ކުރައްވައިފަ އެވެ. ނަމަވެސް އިތުރު ތަފުސީލަކަށް ނުދެ އެވެ. ދިވެހި ސަރުކާރުން އަބަދުވެސް ބުނަނީ ސިފައިންގެ ބަދަލުގައި އަންނަނީ މަދަނީން ކަމަށެވެ.
އެގޮތުން ސ. ގަމުގައި އޮޕަރޭޓު ކުރާ ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ މަދަނީންގެ ބެޗު އައިކަން މި މަހުގެ 26 ގައި ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް އައި މީހުންގެ އަދަދެއް ހާމައެއް ނުކުރެ އެވެ.
"ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ގާއިމްވެފައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމަށް އަންނަ ސިވިލިއަން ކްރޫ މިއަދު ހަވީރު ވަނީ ދިވެހިރާއްޖެއަށް އައިސް،" އެ ދުވަހު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މީގެއިތުރުން އިންޑިއާއިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ސ. ގަމުގައި ބޭނުން ކުރާ އުޅަނދު މަރާމާތު ކުރަން ފޮނުވާލަންޖެހޭތީ، އާ ހެލިކޮޕްޓަރެއް ހިފައިގެން އެ ގައުމުން އައި މަނަވަރެއް މިހާރު ވަނީ އައްޑޫގައި ބަނދަރުކޮށްފަ އެވެ.
ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ގާއިމުވެ ތިބޭ 89 ސިފައިން ރާއްޖެއިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފައިވާތީ އިންޑިއާއިން މިހާރު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ އެ އުޅަނދުތައް އޮޕަރޭޓު ކުރަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނައުމަށެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މާޗް 10، ގެ ކުރިންނެވެ. ފަހު ބެޗު ރާއްޖެއިން ދާނީ މެއި 10، ގެ ކުރިންނެވެ.












