އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު ދުއްވަން ހަމަޖެއްސި އެ ގައުމުގެ މަދަނީ މީހުން މިއަދު ހަވީރު ރާއްޖެއަށް އަތުވެއްޖެ ކަމަށް ޑިފެންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ސ. ގަމުގައި އޮޕަރޭޓު ކުރާ ހެލިކޮޕްޓަރު ދުއްވަން ގެނައީ ކިތައް މީހުން ކަމެއް ސަރުކާރުން ނުބުނެ އެވެ. ނަމަވެސް އެމީހުން މިއަދު އައްޑޫއަށް ގޮސް ހެލިކޮޕްޓަރު ހޭންޑް އޯވާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
"ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ގާއިމްވެފައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމަށް އަންނަ ސިވިލިއަން ކްރޫ މިއަދު ހަވީރު ވަނީ ދިވެހިރާއްޖެއަށް އައިސް،" މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ގާއިމުވެ ތިބޭ 89 ސިފައިން ރާއްޖެއިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފައިވާތީ އިންޑިއާއިން މިހާރު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ އެ އުޅަނދުތައް އޮޕަރޭޓު ކުރަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނައުމަށެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މާޗް 10، ގެ ކުރިންނެވެ. ފަހު ބެޗު ރާއްޖެއިން ދާނީ މެއި 10، ގެ ކުރިންނެވެ.














